ޝިފާގެ އިތުބާރުނެތް ކަމުގެ ވޯޓު ހުއްޓުވުމުން އުޝާމްގެ ފާޑުކިޔުން އެލްޖީއޭއަށް

ޖޫން 22، 2019: މެމްބަރު އަހުމަދު އުޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅެނިކޮށް އެކަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްޓުވުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ފަޒީން ހުށަހެޅުއްވި ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރަށެވެ. ޝިފާއާ ދެކޮޅަށް 39 މައްސަލައެއް އޮތީ ހުށަހަޅައިފަ އެވެ.

ނަމަވެސް ވޯޓަށް ކުޑަތަންވެފައި ވަނިކޮށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސިޓީ ކައުންސިލްއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ޝިފާގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށާއި އެކަން ނިމެންދެން ވޯޓު ނެގުން މަޑުޖައްސާލަން އެދޭ ކަމަށެވެ.

އެކަމަށް ފާޑުވިދާޅުވެ އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލަކުން މިނިވަންކަމާ އެކު ވޯޓެއް ނެގުމުގެ ފުރުސަތު ވެސް ނެތް ކަމަށެވެ.

"ކުރީ ސަރުކާރުގަ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލިކަމަށް ބުނެ އެވާހަަކަ ދެއްކި ބޭފުޅުންގެ މަޤާމު ގެއްލިދާނެހެން ހީވީމާ، އެލްޖީއޭ އިން ގާނޫނާހިލާފަށް މިއަދު މިކުރާ ކަންކަން ވެސް އެބޭފުޅުންނަށް މިއޮތީ ރަނގަޅުވެފައި." އުޝާމްގެ ޓުވީޓުގައިވެ އެވެ.

ޝިފާއާ ގުޅޭ ވޯޓު ހުއްޓުވި އިރު ޝިފާ އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަ ބަލަން ވަނީ ނިންމައިފަ އެެވެ. އޭގެ އިތުރުން ޝިފާގެ މައްސަލަ ހުށަހެޅުއްވި ފަޒީންގެ މައްސަލަތަކެއް ވެސް މިހާރު ބަލަމުންދާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

ވޯޓު ހުއްޓުވި މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒް ފޯރުވައިފައިވާ ކަމަށް ކައުންސެލަރަކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ އެވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ޝިފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މާލިއްޔަތާ ހިލާފަށް ހަރަދުކުރުމާއި ކައުންސިލްގެ ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް ބެލުމެއް ނެތި އަމިއްލަ ގޮތްގޮތަށް ކަންތައްތައް ނިންމުން ހިމެނެ އެވެ.

ފަޒީން ވިދާޅުވީ ދާދި ފަހުން މާރުކޭޓްގެ ގޮޅިތައް ވެސް ހެދީ ހެދެން އޮތް ވަރަށް ވުރެ ވެސް މާ ކުޑަކޮށް ކަމަށާއި އޭގެ ސަބަބުން ސަރުކާރާ މެދު އާންމުންގެ ނަފްރަތު އިތުރުވެފައިވާ ކަމަށެވެ.

މީގެ ކުރިން މި އަހަރު މާލޭ ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އިން ބަލަމުން ގެންދިޔަ އެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ޝިފާއަށް އަަންނަ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، ނާކާމިޔާބުވެ ޓިކެޓް ވަނީ ގެއްލިފަ އެވެ.

comment ކޮމެންޓް