މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކަށް ތަބާވާން އިމްރާން ގޮވާލައްވައިފި

އިމްރާން ފުލުހުންގެ އިސްވެރިންނާއެކު: އެޗްޕީއޭގެ އެންގުންތަކަށް ބޯލެބުމަށް ގޮވާލެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭގެ މިންގަނޑުތަކަށް ތަބާވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

އިމްރާން މިގޮތަށް ގޮވާލައްވާފައި މި ވަނީ މިއަދު އިދކޮޅުން އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މާލޭގައި ސައިކަލް ބުރެއް ބާއްވާފައި ވަނިކޮށެވެ.

ގައިދުރުކަމެއް ނެތި، މާސްކް ނާޅާ އިދިކޮޅުން އެއްވުން ބޭއްވި މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ސިއްހީ ރައްކަތެރިކަން ނަގާލުމުގައި ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަލާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާން ގޮވާލަން،" މާސްކު އެޅުމަށާއި ގައިދުރުކަން އިސްކުރުމަށް ހޭޝްޓެގް ޖައްސަވައި އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މާލޭގައި ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެންނަމުންދާއިރު، މިއަދު އިދިކޮޅުން އެއްވުން ބޭއްވުމުން ބައެއް ފަރާތްކުން ދަނީ ފާޑުވެސް ކިޔަމުންނެވެ.

ސިއްހީ ކުއްލި ނުރައްކާތެރި ހާލަތު އިއުލާންކޮށް، އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައި ތިން މީހުންނަށްވުރެ ގިނައިން އެއް ނުވުމަށާއި މާސް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

އިދިކޮޅުން އެއްވުން ބާއްވާފައި މި ވަނީ ފުލުހުންވެސް މިފަދަ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. ނަމަވެސް މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި ނުވެއެވެ.

މިދިޔަ ހޮނިިހިރު ދުވަހު ދަރުބާރުގޭ، އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއީ މުޒާހަރާ ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށާއި ގާނޫނުތަކުންވެސް މިވަގުތު މުޒާހަރާ ކުރުމަށް ހުއްދަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިފަދަ ދަތި ހާލުގައި ދިރިއުޅޭ އިރު، އަނެއްކާވެސް ގިނަބަޔަކު މަގުމައްޗަށް ނުކުތުމަކީ މިކަމަށް ހުށަހެޅިގެންދާނެ ނުރައްކަލެއް،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބެހެއްޓުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެގޮތަށް މިފަދަ ދަނޑިވަޅެއްގައި މުޒާހަރާ ކުރުމުން ފުލުހުންނަށްވެސް އޭގެ އުދަނގޫ ކުރިމަތިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ނެރުމުން އެމީހުން ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް