ތައުލީމުގެ ބިލް ފާސްކުރަން ނިންމައިފި

ތައުލީމީ ބިލާ ގުޅޭގޮތުން ގައުމީ ތަރައްގީއާއުި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަނީ-

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ތައުލީމްގެ ބިލް ފާސްކުރަން ގައުމީ ތަރައްގީއާއި ތަރިކައާއިބެހޭ ކޮމެޓީން ނިންމައިފި އެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެވެ.

ތައުލީމްގެ ބިލުގެ މަސައްކަތްތައް ނިމިފައިއޮތްއިރު އޭގެ ފަހުން މަޖިލީހުގެ ކައުންސިލް ޖެނެރަލް ވަނީ އެބިލާ ގުޅޭ ގޮތުން ކުދިކުދި ކަންތައްތަކެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ ބިލްގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތަކަކީ ގާނޫނީ މާނައިގައި އެއަށްވުރެ ބޮޑަށް ފުރިހަމަކުރެވެން ހުރި ކަންކަމަށް ވާތީ ބައެއް ބަސްތައް ބަދަލުކުރަން އޮތީ ލަފާދީފަ އެވެ.

މިއަދު މަޖިލީހުގައި އޮތް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވަނީ ކައުންސިލް ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތަށް އެބިލް އިސްލާހްކުރުމާމެދު ކޮމެޓީގެ މެމްބަރުންގެ ވޯޓަކަށް އަހައިފަ އެވެ.

އެއާއެކު އެ ބިލްގެ ކޮމެޓީ ރިޕޯޓް ނިންމައި އަންނަ ހޯމަ ދުވަހު މަޖިލީހަށް އެޖެންޑާ ކުރުމުން އެ ބިލް ފާސްކުރާނެ އެވެ.

މިއަދު ހުށަހެޅި އެއް އިސްލާހެއްގައި، ހައްގުތައް އަންނަ މާއްދާއެއްގައި ދިވެހި ގައުމިއްޔަތަށާއި ދިވެހި ބަަސް އެގޮތަށް ލިޔެފައި ވާތީ އެބައި އުނިކުރަން ހުށަހެޅި އެވެ. ހުށަހެޅި އިސްލާހު ހަތަރު މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްވެފަ އެެވެ. އެ އިސްލާހަށް ދެކޮޅަށް ވޯޓުދެއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް އެެވެ.

އޭގެ އިތުރުން ބިލްގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކަކީ މުއާހަދައިގެ ބައިތަކުގެ ގޮތުގައި ބަދަލުކުރަންވެސް ވަނީ ނިންމައިފަ އެވެ. އެ އިސްލާހަށް ތާއިދުކޮށް ކޮމެޓީގެ ފަސް މެމްބަރުންވެސް ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް އެެވެ.

އޭގެ އިތުރުން މާއްދާއެއްގެ ވަކި ބައެއްގެ ގޮތުގައި ހިމަނާފައިވާ ބައެއް ވަކި މާއްދާއެއްގެ ގޮތުގައި ބޭއްވުމަށް ދީފައިވާ ލަފަޔާ އެއްގޮތަށް އެ އިސްލާހު ވަނީ ހަތް މެމްބަރުންގެ ވޯޓާއެކު ފާސްކޮށްފަ އެވެ. ތައުލީމީ ފިޔަވަޅެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ފިޔަވަޅެއްގެ ގޮތުން ވިޔަސް އެއްވެސް ކުއްޖަކަށް ލާ އިންސާނީ ނުވަތަ ނަފްސާނީ އަދަބެއް ސްކޫލްގެ އެއްވެސް ފަރާތަކުން ދީގެން ނުވާނެ ކަމަށާއި އަދި ސްކޫލްގެ ބެލުމުގެ ދަށުގައި ވަނިކޮށް އެހެން ފަރާތަކުން އެކަން ކުރިޔަދީގެން ވެސް ނުވާނެކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ތައުލީމީ ބިލް ފާސްކުރަން ނިންމިއިރު އެބިލްގެ ފުރަތަމަ ޑްރާފްޓްގައި ތައުލީމު އުނގެނުން މަޖުބޫރު އުމުރުފުރާގެ ގޮތުގައި ހަތަރު އަހަރާއި 16 އަހަރު ހެދުމަށް ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން އަމިއްލަ ސްކޫލްތައް ރަޖިސްޓްރީ ކުރުމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް