ގައުމީ ޓީމާއި ޓީސީ އަދި މާޒިޔާގެ ފަރިތަކުރުންތަކަށް ހުއްދަ ދީފި

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި އޭއެފްސީކަޕުގައި ވާދަ ކުރާ ދިވެހި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އަންގާފަ އެވެ. އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ބޭނުންވާތީ ވީހާވެސް އަވަހަށް ޕްރެކްޓިސްތައް ފެށޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި އެފްއޭއެމްއާއި ކުލަބުތަކުން ވަނީ އެކަމަށް އެދިފަ އެވެ.

އަދި މިހާރު ޓީސީ، އަދި މާޒިޔާގެ ޕްރެކްޓިސްތައް ފެށުމަށް ހުއްދަ ދީފައިވާކަމަށާއި، އަދި އެއާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ވެސް ހުއްދަ ލިބިފައިވާކަމަށް އެފްއޭއެމްއިން ވަނީ ބުނެފަ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) "ސަން" އަށް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހުއްދަ ލިބިގެން މާޒިޔާއިން ޕްރެކްޓިސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެހެން ނަމަވެސް ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ފެށޭނެ ތާރީހެއް ނޭންގޭ ކަމަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރަކަށެވެ. މިހާރު އެ މުބާރާތުގެ މެޗުތަކާ ދެމެދު އޮތީ ދެ މަސް ދުވަހެވެ. މާޗް މަހު އޭއެފްސީ ކަޕް މެދުކަނޑާލި ފަހުން ކްލަބެއްގެ ޕްރެކްޓިސް އަދި ނުބާއްވަ އެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މަހެއްހާ ދުވަސް ވަންދެން ކުރުމަށް ފަހު މިހާރު އޮތީ ހުއްޓިފަ އެވެ.

މާޒިޔާގެ މީޑިއާ އޮފިޝަލް ޝިފާން ރައޫފް ބުނީ މިދިޔަ ދެ ދުވަހު ޓީމުގެ ކުޅުންތެރިންގެ ބަރުދަނާއި، އިތުރު ޗެކަޕްތައް ހެދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މިއަދު ރަސްމީކޮށް ޕްރެކްޓިސް ފަށަން މާޒިޔާއިން އޮތީ ތައްޔާރަށް ކަމަށެވެ.

މާޒިޔާ އަށް އޭއެފްސީ ކަޕްގެ ކޮލިފައިން އާއި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ ކޮންޓްރެކްޓް ހަމަވުމުން ޓީމާ ވަކިވެފަ އެވެ. ކުރިއަށް އޮތް އޭއެފްސީ ކަޕާއި ލޯކަލް ސީޒަނުގައި މާޒިޔާ އަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އަލުން އޭއެފްސީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ވަކިވަކި ގްރޫޕުތަކުގެ މެޗުތައް އެއް ގައުމެއްގައި ކުޅޭ ގޮތަށެވެ. އެގޮތުން ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއެވެ.

މެދުކެނޑުމަށްފަހު އެ ގްރޫޕުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރާ އިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ޗެންނާއީއެވެ.

comment ކޮމެންޓް