މާފަރު އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައުދެއްވުން : އެއާާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމު ގާއިމުކޮށް ނިންމާލައިފިއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ މުވައްޒަފުން ބޯޑާ ކޮންޓްރޯލް ނިޒާމު ގާއިމުކޮށް ނިންމާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓްރީން ބުނީ މާފަރުގައި ‎ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކުރެވުމާއިއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ.

އަދި ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމު ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި އެއީ ގައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

އަބޫދާބީގެ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ އެއާޕޯޓެކެވެ.

comment ކޮމެންޓް