ކޮވިޑްގެ ސަބަބުން އަންހެނުންގެ އާމްދަނީއަށް ތަފާތު ބޮޑުކޮށް އަސަރުކުރި: ދިރާސާ

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޕެންޑެމިކްގައި ވަޒީފާ އަދާކުރާ އާބާދީއަށް ކުރި އަސަރަށް ބަލާއިރު، އަންހެނުންނަށް ތަފާތު ބޮޑުކޮށް އަސަރުކުރި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް19ގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރި އަސަރު ދެނެގަތުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީން ކުރިއަށްގެންދިޔަ ރެޕިޑް ލައިވްލިހުޑް އެސެސްމަންޓުން ދައްކާ ގޮތުގައި މި ކާރިސާގެ އަސަރު ވަރަށް އަވަހަށް އަދި ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.

ޖޮބް ސެންޓަރުން ހޯދާފައިވާ މައުލޫމާތާ ހަވާލާދީ އެ ދިރާސާގައި ބުނެފައި ވަނީ ކޮވިޑް19 ޕެންޑެމިކް އާ ކުރިމަތިލާން ޖެހުނު އިރު، ފިރިހެނުންނަށް ވުރެ، އަންހެނުންނަށް ލިބެމުން ދިޔަ އާމްދަނީ މަދެވެ.

"އަންހެނުންނަށް ލިބޭ އާމްދަނީ މަދުކަމަށް ޖޮބްސެންޓަރަށް ރިޕޯޓުކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އެ މައުލޫމާތުތައް ދިރާސާކުރުމުން އެނގެނީ، އަންހެނުންގެ މަސައްކަތުގެ ތަޖުރިބާ މަދުކަމާއި، މަދުން އާމްދަނީ ލިބޭ ވަޒީފާތަކުގައި އަންހެނުން މަސައްކަތް ކުރާ މިންވަރު އިތުރު ކަމެވެ." ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާއިން ދެއްކި ގޮތުގައި ހުރިހާ ދާއިރާއަކުން ޖޮބް ސެންޓަރަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު، ރިޑަންޑެންސީއާއި، އާމްދަނީ ގެއްލުމުގެ މައްސަލަ ފިރިހެނުންނަށް ވުރެ އަންހެނުންގެ އިތުރެވެ.

ފިރިހެނުންގެ ތެރެއިން 47 ޕަސެންޓު މީހުން ރިޑަންޑަންޓުވިއިރު، އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 55 ޕަސެންޓު މީހުން ރިޑަންޑަންޓުވި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޖޮބްސެންޓަރުގައި ހުރި ފަތުރުވެރިކަމާ ގުޅޭ މައުލޫމާތުތަކަށް ބަލާއިރު، 65 ޕަސެންޓު އަންހެނުން ރިޑަންޑަންސީ އާ ކުރިމަތިލާން ޖެހުނުއިރު، 54 ޕަސެންޓު ފިރިހެނުން އެހާލަތާ ކުރިމަތިލާން ޖެހުނެވެ.

ދިރާސާގައި ބުނެފައި ވަނީ މީގެން ދައްކުވައިދެނީ ޒުވާން އަންހެނުންނަށް ވަޒީފާގެ ޔަގީންކަމެއް ނެތުމުގެ ނުރައްކާ އޮތްލެއް ބޮޑުކަމާއި، މުސްތަގުބަލުގައި އަންހެނުން އާމްދަނީގެ މިނިވަންކަމާއި މާލީ ރައްކާތެރިކަން ހޯދުމަށް ކޮންމެހެން ބޭނުންވާ މަސައްކަތުގެ ތަޖުރިބާ އާއި ފަންނަނީ ކުރިއެރުމަށް އޮތް ވަގުތު ގެއްލުމުގެ ފުރުސަތު އޮތް ކަމެވެ.

"އަންހެނުންގެ ރިޑަންޑަންސީގެ ސަބަބުން ޒުވާން އަންހެނުން ވަޒީފާގެ ބާޒާރުން މުޅިން އެއްކޮށް ނުކުތުމުގެ ފުރުސަތު އެބަ އޮތެވެ." ދިރާސާގައި ވެއެވެ.

ޖޮބްސެންޓަރުގެ މައުލޫމާތުތައް ޖިންސީ ނިސްބަތުން އަޅާކިޔާއިރު، ކާރިސާގެ އަސަރުކުރި އަންހެނުންގެ ތެރެއިން ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ އަންހެނުންނާއި، ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރި އަންހެނުންގެ ރޭޝިއޯ އަކީ 61:39 އެވެ.

ހަމަ އެ އުމުރުފުރާގެ ފިރިހެނުންގެ ތެރޭގައި މި ރޭޝިއޯ އުޅެނީ 54:46 ގައެވެ. މީގެން އެނގެނީ އަސަރުކުރި ވަޒީފާތަކުގައި ތިބީ ޒުވާން އަންހެނުން ކަމާއި މީގެ ސަބަބުން އެމީހުންނަށް އިތުރު ހުރަސްތަކާ ކުރިމަތިވާނެކަން ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އަސަރުކުރި މަސައްކަތުގެ ދާއިރާތަކުގައި ޖިންސީ ނިސްބަތުން އަޅާކިޔާއިރު، ތައުލީމީ ދާއިރާއިން އަސަރުކުރި ކޮންމެ 10 މީހަކުން އަށް މީހަކީ އަންހެނުންނެވެ.

ހަމަ އެފަދައިން އެހެނިހެން ދާއިރާތައް ކަމުގައިވާ ސިއްހީ ދާއިރާ، ގޭތެރެގެ މަސައްކަތްތައް އަދި ފަންނީ ހިދުމަތްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަސަރުކުރި އަންހެނުންގެ ނިސްބަތް އިތުރެވެ.

އެނޫން އެހެން ދާއިރަތަކުން އަސަރުކުރި ފިރިހެނުންގެ ނިސްބަތް މައްޗެވެ. އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އަސަރުކުރި މީހުންގެ ތެރެއިން 93 ޕަސެންޓަށް ވުރެ ގިނަ މީހުންނާއި، އިމާރާތްކުރުުގެ ދާއިރާއިން އަސަރުކުރި މީހުންގެ ތެރެއިން 88 ޕަސެންޓު މީހުން އަދި ފަތުރުވެރިކަމާއި ކާބޯތަކެތީގެ ހިދުމަތްދޭ ދާއިރާއިން އަސަރުކުރި މީހުންގެ 87 ޕަސެންޓަކީ ފިރިހެނުންނެވެ.

މަސައްކަތުގެ ދާއިރާތަކުގައި ޖިންސީ ނިސްބަތުން އަޅާކިޔާއިރު، ހުރިހާ ދާއިރާއެއްގައި ވެސް ކާރިސާގެ އަސަރުކުރި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް މައްޗެވެ. ޖިންސީ ނިސްބަތުން މި ތަފާތު އެންމެ ދަށީ އޮފީސް މަސައްކަތަކާއި ސަޕޯޓު މަސައްކަތުގައެވެ. އެ މަސައްކަތްތަކުގައި ފިރިހެނުންނާއި އަންހެނުންގެ ރޭޝިއޯއަކީ 53:47 އެވެ.

"ޖިންސީ ނިސްބަތުން މި އެކުލެވުންތަކަކީ ހުރިހާ މަސައްކަތަކާއި ދާއިރާތަކުގެ ޖިންސުގެ ނިސްބަތުން ތަފާތުތައް ހުރި މިންވަރު އަންގައިދޭ ކަމެކެވެ."

comment ކޮމެންޓް