ބީއެމްއެލް އިން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކުރުން -- ފޮޓޯ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ވަނީ މި ހޮސްޕިޓަލުތަކަށް ޖުމްލަ 500 ފޭސް ޝީލްޑް ހަދިޔާކޮށްފަ އެވެ.

ފޭސް ޝީލްޑު ހަދިޔާކުރި ހޮސްޕިޓަލުތަކަކީ:

  • އައިޖީއެމްއެޗް
  • ހއ. އަތޮޅު ހޮސްޕިޓަލް (ހއ. ދިއްދޫ)
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ނ. އަތޮޅު ހޮސްޕިޓަލް (ނ. މަނަދޫ)
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ވ. އަތޮޅު ހޮސްޕިޓަލް (ވ.ފެލިދޫ)
  • ފ. އަތޮޅު ހޮސްޕިޓަލް (ފ. ނިލަންދޫ)
  • ތ. އަތޮޅު ހޮސްޕިޓަލް (ތ. ވޭމަންޑޫ)
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް (ގއ. ވިލިނގިލި)

ބީއެމްއެލް ގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު އެއް ކަންތައް ކަމަށާއި، ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް މިވަގުތު އެ ބޭފުޅުންނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާ ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ އަދި މިފަދަ ދަނޑިވަޅެއްގައި ހާއްސަކޮށް އަތޮޅު ތެރޭގެ ބޮޑެތި ހުރިހާ ހޮސްޕިޓަލަކަށް މިފަދަ އާލާތްތަކެއް ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމު އެހާމެ ބޭނުންތެރިކަމެއްވެސްމެ. މި ފުރުސަތުގައި އެބޭފުޅުން ކުރައްވަމުން އެގެންދަވާ ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

މިގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ މަގުފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި، ޝޯޓް ޓާމް ފައިނޭންސިންއެއް ތައާރަފް ކުރުމާއި، ޕަރސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމާއި، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ލޯނު ދޫކުރުން ހިމެނެ އެވެ.

comment ކޮމެންޓް