އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފި

އެފްއޭއެމް ހައުސް ---

ވިހި ބުރިއަށް ހަދާ އިމާރާތް އެޅުމަށް އެފްއޭއެމްގެ މިހާރު އިމާރާތް ތަޅާލަން ޖެހޭތީ، އެ އިމާރާތް ހުސް ކުރުމަށް ފަހު އެ އެސޯސިއޭޝަންގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތް 20 ބުރިއަށް ނެގުމާއި އިތުރު ބިޔަ ދެ ޕްރޮޖެކްޓެއް ނިންމުމަށް ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިއަހަރުގެ މާރޗް މަހުގެ ތެރޭގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ބޮޑު ތިން މަޝްރޫއެއް ފެށިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރުމާއި ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާޓިފިޝަލް ވިނަ ދަނޑު އެޅުން ހިމެނޭ ކަމަށް އެފްއޭއެމް އިން ވަނީ ކުރިން ބުނެފަ އެވެ.

އައު އިމާރާތް އެޅުމަށްޓަކައި ތަން ހުސްކުރަން މީގެ މަހެއްހާ ދުވަހުގެ ކުރިން އެފްއޭއެމް އިން ފަށާފައިވާ އިރު އެ އެސޯސިއޭޝަނުގެ ހިންގުން މިއަދު ކުއްޔަށް ހިފާފައިވާ އެހެން އިމާރާތަކަށް ބަދަލުކޮށްފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ. އެފްއޭއެމުން ކުއްޔަށް ހިފާފައިވާ އޮފީސް ހުންނަނީ ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތުގަ އެވެ.

ސްކައިވިންޑް ގްލޯބަލް ކުންފުންޏާއެކު އެފްއޭއެމްއިން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ؛ އެފްއޭއެމް

އެފްއޭއެމްގެ އައްޑޫގައި ބިނާ ކުރާ އޮފީސް މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށާއި ދަތުރުފަތުރު ކުރެވެން ފެށުމުން އައްޑޫއަށް ގޮސް އެ އޮފީސް ރަސްމީކޮށް ހުޅުވާނެ ކަމަށް އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިފަހުން ވިދާޅުވެފަ އެވެ. އަދި ކަޅުތުއްކަލާ ކޮށީގެ އިރުމަތީގައި ކުޅިވަރު އެކުވެނީގައި ހަދާ އެފްއޭއެމްގެ އޮފީސް އިމާރާތުގެ މަސައްކަތާއި ވިލިމާލޭގައި ގާއިމު ކުރާ ޓާފްދަނޑާއި އެކޮމެޑޭޝަންގެ މަސައްކަތްވެސް ޑިސެމްބަރު މަސްތެރޭ ނިމޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އައު އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމްގެ ޚިދުމަތާއި މެޑިކަލް ވަސީލަތުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ނިންމާފައިވާއިރު، އިމާރާތުގެ ގިނަ ބުރިތައް ބޭނުން ކުރާނީ އެފްއޭއެމަށް ފައިސާ ލިބޭނެ ގޮތަށް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމް ހިންގުން ވަގުތީ ގޮތުން އެހެން އޮފީހަކަށް ބަދަލުކޮށްފައި ---

2004 ވަނަ އަހަރު އެފްއޭއެމްގެ މިހާރުގެ އިމާރާތް ހުޅުވިއިރު، އެ އިމާރާތް ބިނާކޮށްފައި ވަނީ 7،000 (ހަތް ހާސް) އަކަފޫޓުގެ ބިމެއްގައެވެ. އެފްއޭއެމަށް އައު އިމާރާތެއް ލިބިގެންދާ 20 ބުރީގެ އިމާރާތާއި، ހިއްކި ބިމުގައި އަޅާ 17،000 (ސަތާރަ ހާސް) އަކަފޫޓުގެ ހަތަރު ބުރީގެ އިމާރާތާއެކު، އެފްއޭއެމްއަށް އަހަރަކު 90 މިލިޔަން ރުފިޔާއަށް ވުރެން ގިނަ ފައިސާ ވަންނާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

comment ކޮމެންޓް