ހިޔާ: އެކި ކެޓަގަރީތަކަށް ފްލެޓު ބަހާފައިވާގޮތަށް ބަދަލު ގެނެސްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން އެކި ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ފްލެޓުތަކުގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރެއްގައި 7،000 އެޕާޓްމެންޓު އެޅިނަމަވެސް މިހާރު އެ އަދަދު ވަނީ 6،720 އަށް މަދުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު އާންމު ކުރި އިއުލާނެއްގައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފުލެޓްތަކުގެ އަދަދު ބަދަލުކޮށް އާންމުކޮށްފައެވެ.

ބަދަލު ގެނެސްފައިވާ ކެޓަގަރީތަކަކީ:

1. H4 ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ: 475 އިން 233 އަށް މަދުކޮށްފައި

2. H5 ޓީޗަރުންގެ ކެޓަގަރީ: 625 އިން 523 އަށް މަދުކޮށްފައި

3. H6 އެކަނުވެރިން މައިންނާއި ބަފައިންގެ ކެޓަގަރީ: 500 އިން 423 އަށް މަދުކޮށްފައި

4. H7 އުރުމުން 18-40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންގެ ކެޓަގަރީ: 1،000 އިން 805 އަށް މަދުކޮށްފައި

5. H8 މާލޭ ރަށްވެހިންގެ ކެޓަގަރީ: 1،000 އިން 1،772 އަށް އިތުރު ކޮށްފައި

6. ގުޅީފަޅު އަދި ޓާޓާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުން: 300 އިން 120 އަށް މަދުކޮށްފައި

ހައުސިން އިން ބުނީ މާލެ ބްލޮކް ރިޑިވެލޮޕްމަންޓަށް ކަނޑައެޅި 256 ފްލެޓު މީގެތެރޭ ހިމަނާފައި ނުވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭ މީހުންނަށް ހާއްސަ ކެޓަގަރީ އަށް ފްލެޓުގެ އަދަދު އިތުރުކުރީ، މިއީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫއަކަށްވެފައި މާލޭ ރައްޔިތުންނަށް އިސްކަން ދިނުމަށް ކަމަށެވެ. މާލޭ ރައްޔިތުންގެ ތެރޭ ބޯހިޔާވަހިކަމެއްނެތި ދަތީގައި އުޅޭ ގިނަބަޔަކު ތިބިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ވަނީ ނިންމައިފައެވެ.

ފްލެޓު ކޮމެޓީ އިން މިއަދު ވަނީ ޝަރުތުހަމަނުވާ ފަރާތްތައް ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކޮށްފައެވެ.

އެގޮތުން ލިސްޓު އާންމުކޮށްފައިވަނީ

1، ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ - H4
2. ޓީޗަރުންނަށް ހާއްސަ - H5
3. މާލޭ ރަށްވެހިންނަށް ހާއްސަ - H8
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ - H10 ކެޓަގަރީގެ ލިސްޓެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ. އެ ލިސްޓުވެސް ވަނީ ވަނަވަރާއި ޕޮއިންޓް ލިބުނު ގޮތާ އެކު ވަކިން އިއުލާންކޮށްފަ އެވެ. އަދި ކުރިން ލިބިފައިވާ ޕޮއިންޓް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ H4 ކެޓަގަރީއިން 13 މީހެއްގެ ނަން އުނިކުރި އިރު، ޓީޗަރުންނަށް ހާއްސަ H5 ކެޓަގަރީއިން 16 މީހަކު، މާލޭ ރަށްވެހިންނަށް ހާއްސަ H8 ކެޓަގަރީއިން 46 އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ H10 ކެޓަގަރީއިން 36 މީހެއްގެ ނަން ވަނީ ޝަތުރު ހަމަނުވާތީ އުނިކޮށްފަ އެވެ.

އެ ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ.

އަދިވެސް ބައެއް ކެޓަގަރީތަކުގެ ފޯމުތައް މުޅިން އިވެލުއޭޓް ނުކުރެވޭތީ އެ ކެޓަގަރީތައް އަދި އިއުލާނެއް ނުކުރެ އެވެ. އެ ކޮމިޓީއިން މިއަދު ބުނީ، އެ ލިސްޓްތައް ވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގައި ބަލާނީ ފޯމު ހުށަހެޅި ފަރާތުގެ އާމްދަނީ އާއި ގެއަށް ލިބޭ އާމްދަނީ އަދި ދިރިއުޅޭ ތަނުގެ ހާލަތެވެ.

މީގެކުރީން އަސާސީ ޝަރުތެއްގެ ގޮތުގައި ފޯމު ހުށަހަޅާ ފަރާތައް ނުވަތަ އާއިލާއަށް ޖުމްލަ އަމްދަނީގެ ގޮތުގައި 7،000 ރުފިޔާއިން މަތިން ލިބެން ޖެހެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ސޯޝަލް ހައުސިންއަށް އެންމެ ބޭނުންވާ ފަރާތްތަކަށް ފްލެޓަށް ކުރިމަތި ނުލެވޭތޭ އެ ޝަރުތު ނުބަލާ ގޮތަށް ކޮމިޓީއިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް