މިނިސްޓަރީގެ ބައެއް ހަބަރުތައް ގެނެސް ނުދޭތީ މަހްލޫފުގެ ފާޑުކިޔުން މީޑިއާތަކަށް

މަހްލޫފް: ބައެއް ހަބަރުތައް މީޑިއާތަކުން ގެނެސް ނުދޭތީ އޭނާ ވަނީ މީޑިއާތަކަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީގެ ބައެއް ހަބަރުތައް މީޑިއާތަކުން ގެނެސް ނުދޭތީ، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފުގެ ފާޑުކިޔުން މީޑިއާތަކަށް އަމާޒުވެއްޖެ އެވެ.

މަހްލޫފު މީޑިއާތަކަށް ފާޑު ވިދާޅުވެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ، ޒުވާލުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީ ވަރަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މީޑިއާތަކުން އެ ހަބަރުތައް ގެނެސް ނުދޭކަން މަހްލޫފު ފާހަގަ ކުރެއްވި އެވެ.

"ކޮވިޑާ ގުޅިގެންވެސް މިދިޔަ ލޮކްޑައުން ތެރޭވެސް، މިހާރުވެސް ހުއްޓާނުލާ އެކި ރަށްރަށުގައި އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ހިންގޭ. ނަމަވެސް ހަގީަތުގައި މިޑިއާތަކުގައި މިކަންކަން ކަވާ ނުކުރާތީވެ، އަޅުގަނޑަށް ހީވަނީ ކަވާ ނުކުރާތީވެ، ރައްޔިތުންނަށް މިކަން ސާފު ނުވަނީހެން،" މަހްލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުޓްބޯޅަ ދަނޑެއް ނިމުމުން އެ ހަބަރު މީޑިއާތަކުން ގެނެސްދޭ ގޮތަަކަށް، މިނިސްޓްރީއިން ޒުވާނުންނާ ގުޅޭ އެހެން ހަރަކާތްތައްވެސް މިޑީއާތަކުން ގެނެސްދިނުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމަށް މިޑިއާތަކުން ސަމާލުކަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ހިވަނީ އެ ފަރާތްކަށް [މީޑިއާތަކަށް] އެއީ މާބޮޑު ހަބަރަކަށް ވިއްކޭނެ ހަބަރަކަށް ނުވާތީ ކަވާ ނުކުރަނީހެން،" މީޑިއާތަކަށް ރައްދުކުރައްވާ މަހްލޫފު ވިދާޅުވި އެވެ.

މިއަހަރަށްވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ކަމާ ގުޅުން ހުރި މިނިސްޓްރީތަކާ ގުޅިގެން އެކަންކަން ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މަހްލޫފު ދެއްވި އެވެ.

comment ކޮމެންޓް