ބައެއް ބިންތައް ޖަމިއްޔާތަކަށް ދީގެން ތަރައްގީ ކުރަން ލަފައަކަށް އެދިއްޖެ

މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ދީގެން ތަރައްގީ ކުރުމަށް އިގްތިސާދީ ކައުންސިލްގެ ލަފައަކަށް އެދިފައިވާ ކަމަށް ޔޫތް މިނިސްޓަރު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ކްލަބް ޖަމިއްޔާތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް މަހްލޫފު ވަނީ ހާޒިރުކޮށްފަ އެވެ.

މަހްލޫފުވެސް ނިސްބަތްވާ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕު ނައިބު ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ބިންތައް ޖަމިއްޔާތަކަށް ދީފައިވާ ކަމަށާއި މި ސަރުކާރުން އަދި އެކަންކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށް މިހާރު އިކޮނޮމިކް ކައުންސިލްގެ ލަފައަކަށް އެދިފައިވާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވި ގޮތުގައި، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަރަށް ގިނަ ބިންތައް އެބަހުއްޓެވެ. އަދި މިނިސްޓްރީގެ އަމަޒަކީ، އެތަންތަން ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖަމިއްޔާތަކަށް ދީގެން ތަރައްގީ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދީގެން އެތަންތަން ތަރައްގީ ކުރުން [މިނިސްޓްރީގެ ވިސްނުމަކީ]،" މަހްލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުން އެ ބިންތައް ތަރައްގީކޮށްގެން ވިސްނުން ގެންގުޅުއްވި ކަމަށާއި މިއަދު 20-25 އަހަރު ވީ އިރުވެސް އެތަންތަން ތަރައްގީވެފައި ނެތް ކަމަށެވެ. އެހެން ކަމުން އަމިއްލަ ފަރާތްތަކަށް އެކަން ކުރުމަށް ފުރުސަތު ދިނުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް ގަބުލޫ ކުރެވޭ ކަމަށާއި އެއީ ކުޅިވަރަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

މިހާރު ދޫކޮށްފައިވާ ބައެއް ބިންތަކުގެ ތަފްސީލު ދެއްވަމުން މަހްލޫފު ވިދާޅުވީ، 2016 ވަނަ އަހަރު އެފްއޭއެމަށްވެސް 50 އަހަރަށް ވިލިމާލެގެ ފުޓްބޯޅަ ދަނޑާއި ސްޓޭޑިއަމް ހިއްކި ބިން ދީފައިވާ ކަމަށެވެ.

comment ކޮމެންޓް