އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން މާދަމާ މިނިސްޓަރު މަހްލޫފާ ސުވާލު ކުރަނީ

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޔޫތް މިނިސްޓަރު މަހްލޫފު --- ފޮޓޯ/ އެފްއޭއެމް

ރައްޔިތުންގެ މަޖިލީހުގެ މަދަމާގެ ޖަލްސާގައި ޔޫތް މިނިސްތަރު އަހްމަދު މަހްލޫފް ހާޒިރުކޮށް ސުވާލު ކުރުމަށް އެޖެންޑާކޮށްފި އެވެ.

މަހްލޫފު މަޖިލީހަށް ހާޒިރު ކުރަނީ، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކުރައްވާ ސުވާލުތަކާ ގުޅިގެންނެވެ.

މެމްބަރު އަނދުން ހުސައިން ވަނީ ޖުމްލަ ދެ ސުވާލެއް ކުރުމަށް ހުށަހަޅާފައެވެ. އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން މިދިޔަ މަހު ދެވަނަ ދުވަހު ތާވަލު ކުރި އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް މަހްލޫފު އެ އެސޯސިއޭޝަނަށް އެންގިއިރު، އެ އިންތިހާބު ބާއްވާފައިވަނީ، މަހްލޫފުގެ އެންގުމާ ހިލާފަށްތޯ، އާއި އެންގުމާ ހިލާފު ނޫންނަމަ، އެއީ ކީއްވެގެންތޯ އާއި އެންގުމާ ހިލާފު ނަމަ، އެ އިންތިހާބު ގަބޫލު ކުރަންވަންތޯ އަނދުން ހުސައިންގެ ސުވާލުގައި ބުނެއެވެ.

މީގެ އިތުރުން ދެން އަނދުން ހުސައިން ހުށަހަޅާފައިވަނީ، ކުޅިވަރު ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރަމުންދާ ކުޅިވަރު ގައުމީ ޖަމްއިއްޔާތަކާ އެއްވެސް ހައިސިއްޔަތަކުން ގުޅުންބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވިފައިވޭތޯ ސާފު ކުރުމަށެވެ. ގާނޫނާ ހިލާފަށް އޮޕަރޭޓުކުރާ އެއްވެސް ކުޅިވަރު ޤައުމީ ޖަމްއިއްޔާއަކަށް ދައުލަތުގެ ކުޅިވަރު ބިންތަކާއި އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭތޯ އޭނާ ވަނީ އައްސަވާފައެވެ.

މާދަމާގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް، ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރާވެސް ލިޔުން ޖަވާބު ހޯދުމަށް ހުށަހަޅާފައިވާ ސުވާލުތައްވެސް ވަނީ އެޖެންޑާ ކޮށްފައެވެ. މީކާއިލް ސުވާލު ކުރައްވަނީ 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގެރެންޓީ ދިގެން ސަން ސިޔާމް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބެންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮރަލުގެ ލޯނާ ގުޅޭ ގޮތުންނެވެ.

comment ކޮމެންޓް