އިދިކޮޅުން ހުކުރު ދުވަހު އަތޮޅު ތެރޭގައި މުޒާހަރާ ކުރަނީ

މިއަދު ހަވީރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ހަވީރު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ހުކުރު ދުވަހު ހަވީރު 16:00އިން ފެށިގެން 18:00އާ ހަމައަށް ބާއްވަން ނިންމާފައިވާ އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި އެ މުޒާހަރާގެ ނަމަކީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ބުނި ގޮތުގައި އެ މުޒާހަރާއަކީ "މިހާރުގެ ސަރުކާރުން ހިންގާ ނޭއްގާނީ ކަންތައްތަކާއި، ދިވެހި ރައްޔިތުންގެ ބޮލަށް އިންތިހާއަށް ދަރަނިތައް އިތުރުވެގެން ދިޔުމާއި، ރައްޔިތުންގެ ހަރުމުދާ މޯގޭޖްކޮށްގެން ލޯނު ނެގުމާ" ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށެވެ. ހަމައެހެންމެ މުޒާހަރާ ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ވައްކަން ކުރުމާއި މަސްވެރިންނަށް ހަމަ އަގު ނުލިބުން ފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލުން ހިމެނޭ ކަމަށް ވެސް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

ޝުޖާއު ވިދާޅުވީ، ގައުމު ތަރައްގީ ކުރަން ލޯނު ނެގިޔަސް ރައްޔިތުންގެ ހަރުމުދާ ވިއްކާލައިގެން ލޯނު ނެގުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރާ ދޭން ލޯނު ނެގުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ގައުމު ތަރައްގީ ކުރުމަށް ލޯނު ނެގުމަކީ މައްސަލައެއް ނޫން، އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔަން. އެހެންނަމަވެސް، ލޯނު ދީފައި އަޅުގަނޑުމެންގެ ހަރުމުދާތައް ބޭރުގެ ލޯނުދޭ ފަރާތްތަކަށް ދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން ލޯނު ނެގީ ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލެއްވީ، އެމްޑީޕީގެ މެމްބަރުންވެސް، ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ގައުމު ވިއްކާލުމާ ދެކޮޅަށް މުޒާހަރާއަށް ނުކުތުމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅުން މާލޭގައިވެސް މުޒާހަރާ ކުރިއެވެ. ނަމަވެސް، އެ މުޒާހަރާތައް ހުއްޓާލީ ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އިދިކޮޅުން ބުންޏެވެ.

comment ކޮމެންޓް