މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ނިންމައިފި އެވެ.
އެގޮތަށް ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހު އެވެ.
އެގޮތުން އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނާއި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ކޮމިޓީތަކުން ވަނީ އިސްލާހު ކޮށްފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އަދި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިނިވަން މުއައްސަސާ ކޮމިޓީއިންނެވެ. ބަދަލުތަކާއެކު އިއްޔެ އެ ބިލުތައް ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.
މިނިވަން މުއައްސަސާ ކޮމިޓީއިން ތިން ބިލަށް ވަކިވަކިން ވޯޓަށް އަހާ ފާސްކުރި އިރު ތިން ބިލުގައިވެސް ހިމަނާފައިވަނީ އެ ކޮމިޝަންތަކުގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މައްސަކަތްތަކާ ގުޅޭ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ކުރެވޭނެ ކަމަށެވެ.
އެެހެން ނަމަވެސް، އެ ކޮމިޝަނެއްގެ މެމްބަރުންގެ ދާއިރާ ނުގުޅެނީ ކޮން ކޮން ވިޔަފާރިއެއް ކަމެއް ބިލަކުން އެނގޭކަށް ނެތެވެ.
އެ ކޮމިޝަންތަކުގެ ގާނޫނުތައް މިހާރު އޮތް ގޮތުން މެމްބަރުންނަށް އެއްވެސް ވިޔަފާރިއެއް ކުރުމުގެ ޖާގައެއް ނޯވެއެވެ.
އޭގެ އިތުރުން އެ ކޮމިޝަންތަކުގެ މެމްބަރުން މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅާއިރު އެމީހެއް އިނދެގެން އުޅޭ މީހާއާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނުތައް ވަނީ އިސްލާހުކޮށްފަ އެވެ. އެ ކޮމިޝަންތަކުގެ ގާނޫނުތައް މިހާރު އޮތް ގޮތުން މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހުށަހަޅަން ނުޖެހެއެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނު އިސްލާހު ކުރިއިރު ޖުޑިޝަރީ ކޮމިޓީއިންވެސް އިއްޔެ ވަނީ ހަމަ އެއް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޖުޑިޝަރީ ކޮމިޓީއިން ގެނައި އިސްލާހުތައް ތަޅުމުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ ޕީޖީއަށްވެސް ވިޔަފާރި ކުރެވޭނެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ހަތަރު މުއައްސަސާއެއްގެ ގާނޫނަށް އެގޮތަށް އިސްލާހު ގެނައުމަށް ކޮމިޓީ މަރުހަލާގައި ފާސްކުރި އިރު އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހަމަ އެ އިސްލާހުތައް ހިމަނައިގެން މާލިއްޔަތު ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒު "ސަން" އަށް ވިދާޅުވީ، އެ ކޮމިޓީން އޮޑިޓާ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހާއެކު، ވިޔަފާރި ކުރުމުގެ ޖާގަ އޮޑިޓާ ޖެނެރަލްއަށް އޮތް ނަމަވެސް، އަމަލީ ގޮތުން ވިޔަފާރީގައި ބައިވެރި ނުވެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ކޮމިޝަންގެ މެމްބަރެއްގެ މަގާމުގެ މަސްއޫލިއްތުގެ ދާއިރާގައި ހިމެނޭ އެއްވެސް މަސައްކަތަކާ ގުޅޭ ވިޔަފާރިއެއް ހިންގައިގެން ނުވާނެ. އަދި [އެހެން ދާއިރާއެއްގެ ވިޔަފާރި ކުރި ނަމަވެސް[ އަމަލީ ގޮތުން ވިޔަފާރީގައި ބައިވެރި ނުވެވޭނެ،" ނާޝިޒު ވިދާޅުވިއެވެ.
ފަހެއް މުއައްސަސާއާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީތަކުން ފާސް ކުރިއިރު ހިއުމަންރައިޓް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.