އެކުވެނި ޓްރެކު ނޮވެމްބަރު މަހު ނިންމާލަނީ

މާލޭގެ އެކުވެނި ޓްރެކް --

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެތަނަކީ ރަސްމީކޮށް ކްރިކެޓް ކުޅޭ ޕިޗަކަށްވެސް ވުމާއެކު ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކުލާސްތައް ބާއްވަން ބޭނުންކުރެ އެވެ.

"އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ނޮވެމްބަރު 11 އަށް އިރާދަކުރެއްވިއްޔާ ނިންމަން." މަހްލޫފް މިއަދު ކުރެއްވި ޓްވީޓުގަ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޓްރެކް ނިމުމުން ކްރިކެޓް، އެތުލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓްރެކް މީގެކުރިން ބޭނުންކުރަމުން ދިޔަ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.

މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު ކުރިން ޕްލޭން ކޮށްފައި އޮތީ އެ ޓްރެކުގައި އޮތް ވެލިގަނޑު ނަގައި އެއްވަރު ކުރުމަށްފަހު އަލުން ދުވާ ޓްރެކެއް އެތަނުގައި އެޅުމަށެވެ. އެކަމަކު މިހާރު އެތަން ބަދަލުވެގެން ދާނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ފަދަ ސިންޓެޓިކް ޓްރެކަކަށް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުންވެސް ކަސްރަތުކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.

comment ކޮމެންޓް