އިސްރާއިލާ ގުޅުން ގާއިމު ކުރާނީ ފަލަސްތީނު ވަކި ދައުލަތަކަށް ހެދުމުން: ސައުދީ އަމީރު

ސައުދީ ޕްރިންސް ތުރުކީ ބިން ފައިސަލް -- ފޮޓޯ: އޭޕީ

ރިޔާޒު (އޮގަސްޓު 22): ސައުދީ އަރަބިއާ އިން އިސްރާއީލާ ގުޅުން ގާއިމު ކުރާނީ ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމަށް ނިންމައި، އެއީ މިނިވަން ދައުލަތަކަށް ހެދުމުން ކަމަށް ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރެއް ކަމަށްވާ ޕްރިންސް ތުރުކީ ބިން ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕްރިންސް ތުރުކީ އެފަދައިން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދިޔަ ހަފްތާގައި އިސްރާއީލާ ގުޅުން ގާއިމު ކުރުމުން، ސައުދީން ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

ޔޫއޭއީއަކީ ފާއިތުވި 70 އަށް ވުރެ ގިނަ އަހަރުތަކުގެ ތެރޭގައި އިސްރާއިލާ ފުރިހަމައަށް ގުޅުންތައް ގާއިމު ކުރި ތިން ވަނަ އަރަބި ދައުލަތެވެ. އެ ދެ ގައުމުން ހެދި އެއްބަސްވުމުގެ ދަށުން އިސްރާއިލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތައް އިސްރާއީލުގެ ބަޔަކަށް ހެދުމުގެ ރޭވުންތައް މަޑުޖައްސާލައިފަ އެވެ.

އެހެންކަމުން ޔޫއޭއީއާ އެއްގޮތަށް އަރަބި އެހެން ގައުމުތަކުން ވެސް އިސްރާއީލާ އެކު އެފަދަ އެއްބަސްވުންތައް ހަދާފާނެ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ. ނަމަވެސް ޕްރިންސް ތުރުކީ ވިދާޅުވި ގޮތުގައި ސައުދީން ގުޅުން ގާއިމު ކުރާނީ އިސްރާއީލުން އެއަށް ވުރެ ބޮޑު އަގެއް ދެއްކުމުންނެވެ.

"އިސްރާއިލާއި އަރަބިންނާ ސުލްހަ ގާއިމު ކުރަން ސައުދީ އަރަބިއާއިން ވަނީ އަގެއް ކަނޑައަޅާފައި. އެއީ ކުރީގެ ރަސްގެފާނު އަބްދުﷲ ހުށަހެޅުއްވި ގޮތަށް، ފަލަސްތީނުގެ ވެރިރަށަކީ ގުދުސަށް ހަދާ، އެއީ ވަކި ދައުލަތަކަށް ހެދުން،" ޕްރިންސް ތުރުކީ ވިދާޅުވި އެވެ.

ރަސްގެފާނު އަބްދުﷲގެ ހުށަހެޅުއްވުމަކީ 2002 ވަނަ އަހަރު ބޭއްވި އަރަބި ލީގުގައި އާއްމު ކުރި ރޭވުމެެކެވެ. އޭގައި ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގާޒާ އާއި އިރުމަތީ ގުދުސްގެ ސަރަހައްދުތައް ދޫކޮށްލައި، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމުން އިސްރާއީލާ ގުޅުން ގާއިމު ކުރަން ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ޕްރިންސް ތުރުކީ ވަނީ ޔޫއޭއީގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ހުޅަނގު އައްސޭރީގެ ބިންތައް އެގައުމުގެ ބަޔަަކަށް ހެދުން ހުއްޓުވުމަކީ ވެސް މުހިއްމު ފިޔަވަޅެއްކަން ފާހަގަ ކުރައްވައިފަ އެވެ.

މީހެ ކުރިން ސައުދީން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގަ އާއި ޖާސޫސީ އިދާރާގެ ވެރިޔާގެ ގޮތުގައި މަސައްކަތް ކުރެއްވި ޕްރިންސް ތުރުކީ އަކީ މިހާރު ސައުދީ ސަރުކާރުގެ މެމްބަރެއް ނޫނެވެ. ނަމަވެސް އޭނާ ހުންނަވަނީ ކިންގް ފައިސަލް ސެންޓާ ފޯ ރިސާޗް އެންޑް އިސްލާމިކް ސްޓަޑީސްގެ ޗެއާމަންގެ ގޮތުގައި އެގައުމުގެ ނުފޫޒު ގަދަ މަގާމެއްގަ އެވެ.

comment ކޮމެންޓް