ކޮވިޑަށް ޕޮޒިޓިވްވި ތެލެސީމިއާ ދެކުދިން ރަނގަޅުވެއްޖެ

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތެލެސީމިއާ ދެ ކުއްޖަކު ހިމެނޭ ކަމަށާއި، އަދި މިހާރު ދެ ކުދިން ވެސް މުޅިން ރަނގަޅުވެފައިވާ ކަމަށް ތެލެސީމިއާ ސެންޓަރުން ބުނެފިއެވެ.

ކޮވިޑް19 ގެ ހައި ރިސްކް ގްރޫޕުގައި ތެލެސީމިއާ ޕޭޝަންޓުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހްމަދު އުމަރު ވިދާޅުވީ އެ ދެ ޕޭޝަންޓުންވެސް ބައްޔަށް ޕޮޒިޓިވްކަން ދެނެގަނެވުނީ، ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ހެދި ޓެސްޓުން ކަމަށެވެ.

ޑރ. އުމަރު ވިދާޅުވީ، ޓެސްޓު ކުރި އިރުވެސް ދެ ޕޭޝަންޓުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، 14 ދުވަހުގެ އައިސޮލޭޝަން ގައި ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 6،370 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3915 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 25 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް