އުތުރު ކޮރެއާގެ ދެވަނަ އަށް އެންމެ އިސްމީހަކީ ކިމްގެ އަންހެން ކޮއްކޮ: ދެކުނު ކޮރެެއާ

ކިމް ޖޮންގް އުންގެގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް --

އުތުރު ކޮރެއާގެ ދެވަނަ އަށް އެންމެ އިސްމީހަކީ އެގައުމުގެ މިހާރުގެ ލީޑަރު ކިމް ޖޮންގް އުންގެގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ކަމަށް ދެކުނު ކޮރެެއާގެ އިންޓެލިޖެންސް އޭޖެންސީ އިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ޕާލިމަންޓްގެ އިންޓެލިޖެންސް ކޮމިޓީގައި އިންނަވާ އޮޕޮޒިޝަން ޕާޓީ މެމްބަރު ހާ ޓެއި ކިއުންގް ވިދާޅުވީ ކިމްގެ ކޮއްކޮ ގައުމު ހިންގަވަނީ ސީދާ ކިމްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެމެދު މުއާމަލާތްތައް ކުރަނީ ކިމްގެ ކޮއްކޮ ކަމަށް ވެސް ވަނީ ވިދާޅުވި އެވެ.

ބެލެވިފައިވާ ގޮތުގައި ކިމް ޔޯ ޖޮންގް އަކީ 30ގެ އަހަރުތައް ގުނަމުންދާ ބޭފުޅެކެވެ. ދެކުނު ކޮރެއާއަށް މިހާރަކަށް އައިސް ބޮޑަށް ޕްރެޝަރުކުރުމުގެ މުގުލުގައި ހުންނެވީ ކިމް ޔޯ ޖޮންގް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

އޮތުރުކޮރެއާގެ އިގްތިސާދީ އަދި މިލިޓަރީ ޕޮލިސީގެ ކަންތައްތައް ވެސް މިހާރު އެހެނިހެން ސީނިއާ އޮފިޝަލުންނާ ވެސް ހަވާލުކޮށްފައިވާ ކަމަށް ހާ ޓެއި ކިއުންގް ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ ލީޑަރުގެ އަންހެން ކޮއްކޮ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ އަހަރު އެމެރިކާގެ ރައީސްއާ އެކު ކިމް ޖޮންގް އުން ބޭއްވި ސަމިޓުގެ ތެރެއިން އެވެ.

އޭގެ އިތުރުން މިދިޔަ މަހު ކިމް ޔޯ ޖޮންގް ވަނީ އެމެރިކާއާ ގުޅުން ބޭއްވުމާ ބެހޭ ގޮތުން އުތުރުކޮރެއާގެ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެެ.

މިދިޔަ އޭޕްރީލް މަހު އުތުުރު ކޮރެއާގެ ލީޑަރު ކިމްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވިކަމަށް އަޑު ފެތުރުނެވެ. އަދި ކިމް އަވަހާރަވެއްޖެ ނަމަ، އެމަނިކުފާނުގެ ދަރިން ބޮޑުވަންދެން ކިމްގެ އަންހެން ކޮއްކޮ ގައުމުގެ ކަންތަކާ ހަވާލުވާނެ ކަމަށް އަޑުފެތުރުނެވެ.-- ރޮއިޓާސް، އަލްޖަޒީރާ

comment ކޮމެންޓް