18 ބަލި މީހުންނާއެކު ބޭސްފަރުވާއަށް އިންޑއާއަށް ދާ ފަސް ވަނަ ބެޗް ފުރައިފި

އިންޑިއާގައި ތިބި ދިވެހިން ގޮވައިގެން އައި މޯލްޑިވިއަންގެ އެއާބަސް -- ފޮޓޯ: މޯލްޑިވިއަން

ފުރަބަންދުގައި އިންޑިއާ އޮތް ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އިން އެ ގައުމަށް ބޭސްފަރުވާއަށް އިތުރު 18 މީހަކު މިއަދު ފުރުވާލައިފި އެވެ.

މިއީ ފުރަބަންދުގައި ރާއްޖެ އިން އެ ގައުމަށް ބޭސްފަރުވާއަށް ދިޔަ ފަސް ވަނަ ބެޗެވެ.

އާސަންދަ ކުންފުނިން ބުނީ، އިންޑިއާ ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން، އެ ކުންފުނީގެ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުން މިއަދު 18:15 ގައި އިންޑިއާގެ ކޮޗިންއަށް ފުރާފައިވާ ކަމަށެވެ.

މިއަދު ފުރި ބެޗުގައި އާސަންދައިގެ ހަރަދުގައި 18 ބަލިމީހުންނާއި 18 އެހީތެރިން އަދި 4 މެޑިކަލް އެސްކޯޓުން ވަނީ ފުރައިފައެވެ.

އާސަންދައިން ބުނީ މިއަދު ފުރި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުން ކަމަށެވެ.

އެ ހުރިހާ ފަރާތްތައް ވެސް އިންޑާއަށް ދަނީ އެ ގައުމުގެ ވިސާ ހަމަޖައްސައިގެން އިންޑިއާގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެކު ކަމަށް އާސަންދައިން ބުނެއެވެ.

އިންޑިއާއިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ.

comment ކޮމެންޓް