ކުރިއަށް އޮތް ދެ ހަފްތާ މާލޭ ސްކޫލުތަކުގައި ކިޔަވާދޭނީ އޮންލައިންކޮށް

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ ހަފްތާގައި މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ‏ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި މި މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހަށް ކިޔަވައިދިނުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.

އަދި ‏ދެ ހަފްތާ ފަހުން އެ ނިންމުން މުރާޖައާ ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން މާޗު މަހުގެ މެދުތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މާލޭގެ ސްކޫލުތައް ފިޔަވައި އެހެން ރަށްރަށުގެ ސްކޫލުތަކުގައި ގްރޭޑު އެކުަކުން 12 އަށް ކިޔަވައިދިން އިރު، މާލެ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ހާޒިރުވަމުން ދިޔައީ ގްޜޭޑު ނުވަޔަކުން 12 އަށް ކިޔަވާ ދަރިވަރުންނެވެ.

ނަމަވެސް ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެން، މާލޭގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައި އޮތީ 16 އޮގަސްޓުން ފެށިގެން މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވާ ކީ ސްޓޭޖު ތިނެއް (ގްރޭޑު ހަތެއް އަދި އަށެއް) ގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުވާން ޖެހޭގޮތަށެވެ.

މާލޭގެ ސްކޫލުތައް އީދު ބަންދަށް ފަހު ނުހުޅުވާގޮތަށް ނިންމައި، އެޑިޔުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައިވެެސް މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. އަދި ސްކޫލަށް ހާޒިރުވެގެން އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން ގޮތަކުން ލިބިދެވޭނެ ފައިދާއެއް ނޫން ކަމަށާއި ނަމަވެސް މިނިސްޓްރީ އިން އަބަދުވެސް އެންމެ އިސްކަން ދެނީ ދަރިވަރުންގެ ސިއްހަތަށް ކަމަށްވާތީ، ކޮވިޑް19ގެ މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ދަރިވަރުން އާއިލާ އާއެކު ގޭގައި ތިބުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު އޮތް ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދެމުންދާއިރު، ކިޔަވައިދޭ ވަގުތު ކުޑަކުރަން ވެސް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް