މުދާ އެތެރެކުރާއިރު އިތުރު ޗާޖު ނަގާ މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ކުރަނީ

އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރާއްޖެއަށް އެތެރެކުރާ މުދަލުން ޝިޕިން އޭޖެންޓުންނާއި ފްރައިޓް ފޯވާޑަރުން އެކި ނަންނަމުގައި ޗާޖުނަގާ މައްސައަށް ހައްލު ހޯދުމަށް ކަމާބެހޭ މުވައްސަސާތަކާއެކު މަޝްވަރާ ކޮށްފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ފްރައިޓް ފޯވާޑިން ވިޔަފާރިތަކުން ހިންގަމުންދާ ކަންކަމާ ގުޅޭ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަވާތީ އެކަންކަން ބަލައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ އަށް ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީ އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި ޓްރަންސްޕޯޓް އޮތޯރިޓީ އަދި ކަސްޓަމްސް އާއި އެމްޕީއެލް އަދި އެސްޓީއޯ ވަނީ މިއަދު ކޮމެޓީ އަށް ހާޒިރުކޮށްފައެވެ.

ކޮމެޓީގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވިގޮތުގައި ޝިޕިން އެޖެންޓުން ރެގިޔުލޭޓު ކުރާނެ ގާނޫނާއި ގަވާއިދުތައް ނެތުމުގެ ސަބަބުން، ކޮންސައިނީންގެ އަތުން އިތުރު ޗާޖުތައް ނެގުން އޮތީ ބޮއްސުންލައިފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީީސް މަރިޔަމް ވިސާމް ވިދާޅުވީ ޑެލިވަރީ އޯޑަރު (ޑީއޯ)ގެ ތެރެއިން އިތުރު ޗާޖުތައް ނަގާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ޑީއޯގެ ތެރޭ ހިމަނައިގެން ފްރައިޓްފޯވާޑަރުންނާއި ޝިޕިން އެޖެންޓުން އިތުރު ފައިސާ ނެގުމަކީ، މުދަލުގެ އަގުބޮޑުވާން ދިމާވާ ކަމެއްގެ ގޮތުގައި ވިސާމް ފާހަގަ ކުރެއްވިއެވެ.

ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އާދަމް ޝަފީގު ވިދާޅުވީ 2015 -2016 އިން ފެށިގެން ކަސްޓަމްސް ޑިކްލަރޭޝަން އަށް ހުށަހަޅާ ޑީއޯގައި އިތުރު ޗާޖުތައް ހުންނަކަން ފާހަގަކުރެވކަމަށެވެ. އޭރު މިއީ ކިހިނެެއް ނަގާ ޗާޖުތަކެއްކަން ފަހަގަ ނުވާ ކަމަށާއި އެދުވަސްވަރު ފްރައިޓް ފޯވާޑާރުންނަކީ ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހަރަކާތްތެރިވި ބައެއްވެސް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެމްޕީއޭލްގެ ސީއީއޯ ޝާހިދު އަލީވެސް ވިދާޅުވީ ޑީއޯގައި ހިމަނައިގެން އިތުރު ޗާޖުތައް ނަގާ ކަމުގެ ޝަކުވާ އެމްޕީއެލް އަށް ލިބޭ ކަމަށެވެ. ނަމަވެސް އެމްޕީއެލްއަކީ އެކަންތައް ރެގިޔުލޭޓު ކުރުމުގެ ބާރު އޮންނަ ކުންފުންޏެއް ނޫންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޑީއޯގެ ގޮތުގައި މީގެ ކުރިން 35 ޑޮލަރު ނަގަމުން ދިޔަ ނަމަވެސް މިހާރު އެ އަދަދު 100 ޑޮލަރުން މައްޗަށް ވަނީ އަރައިފައެވެ.

ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށް ބުނާ ގަވައިދެއް އެކުލަވަލައި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ޖުލަައި 16 ގައި ގަވާއިދު އާންމުކޮށްފައެވެ. އެ ގަވާއިދު ބުނާ ގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކަން ވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަށް ގަވާއިދު ބުނެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށް ގަވާއިދު ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ މިއަދާ ހަމައަށް 112 ފަރާތަކުން ޝިޕިން އެޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް 21 ފަރާތެއް ރެޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ.

އެ އޮތޯރިޓީ އިން ބުނީ ރާއްޖޭގައި ފްރައިޓް ފޯވާޑަރުންގެ ގޮތުގައި މަސައްކަތްކުރަނީ ގިނައިން ބޭރުގެ ޕާޓީތައް ކަމަށާއި އެފަރާތްތަކުން މަސައްކަތް ކުރަނީ ދިވެއްސެއް އެމީހުންގެ މޫނުމަތިކަމުގައި ބަހައްޓައިގެން ކަމަށެވެ. އަދި ފްރައިޓް ފޯވާޑިންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބަޔަކު، އެއް ކުންފުންޏެއްގެ ދަށުން ގިނަ ސިސްޓާ ކޮމްޕެނީސް ރެޖިސްޓާކޮށްގެން މަސައްކަތްކުރަމުންދާކަން ފާހަގަވާކަމަށްވެސް ބުންޏެވެ.

އެ އޮތޯރިޓީ އިން ބުނީ މި ގަވާއިދުގެ ފައިދާ ވިޔަފާރިވެރިންނަށް ކުރާނެ ކަމަށެވެ.

comment ކޮމެންޓް