އެއްގަމު އުޅަނދު އިންޝުުއާ ކުރަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

މާލޭ މަގުމަތި: އެއްގަމު އުޅަނދުތައް އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމު އުޅަނދު އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެ އެވެ.

އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަން ވާނީ، ތާޑް ޕާޓީއަކުން އިންސުއެރެންސް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ކަން ކުރަނީ، އެ އުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވީ، އެ ގާނޫނުގެ 69 ވަނަ މާއްދާ، އިންސުއަރެންސް ނަގަން ބުނެފައި އޮންނަ މާއްދާ އުވާލުމަށެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އޭނާ ބުނުފައި ވަނީ، އުޅަނދުތައް އިންޝުއަރެންސް ކުރެވުމުން ދިޔަ ނަމަވެސް، އެކްސިިޑެންޓްތަކުގައި އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އަހަރަކު އެތައް އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކުން ނަގަމުންދާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެއްވެސް މަންފާއެއް ލިބެމުން ނުދާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެހެން ކަމުން އެފަދަ ކަމެއް ކުރުމަށް އެ ގާނޫނުން ލާޒިމް ކޮށްފައި އޮތުމަކީ، ބަލައިގަންނަން ދަތި އަދި ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުންް މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. މަޖިލީހުގެ ތަޅުމުގައި ބިލަށް ބަހުސްކޮށް، ބިލު ބަލައިގަނެ، ކޮމިޓީއިށް ފޮނުވުމަށް ވޯޓަށް އަހާނެއެވެ. އެއަށް ފަހު، ކޮމިޓީ މަރުހަލާގައި އަންނަ ބަދަލުތަކަށް ފަހު އެ ބިލަށް މަޖިިލިސް ތަޅުމުގައި ވޯޓަށް އަހާނެ އެވެ.

comment ކޮމެންޓް