ޔޫއޭއީ ފަލަސްތީނު މައްސަލައަށް ޚިޔާނާތްތެރިވުމުން ކުވައިތުގެ ކަންބޮޑުވުން

ކުވައިތުގެ ޕާލަމެންޓް

އިސްރާއީލަކީ އަރަބިންނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށާއި އިސްރާއީލާ އެއްވެސް ބާވަތެއްގެ ގުޅުމެއް ގާއިމް ނުކުރުމަށް ކުވައިތު ސަރުކާރަށް ގޮވާލައި އެގައުމުގެ ޕާލަމެންޓުން އިއްޔެވަނީ ބަޔާނެއް ނެރެފަ އެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ގުދްސުގެ އިރުމަތީ ބައި ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަދާގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު އިސްރާއީލުން ދިނުމުގެ ކުރިން އިސްރާއީލާ އެއްވެސް ބާވަތެއް ގުޅުމެއް ކުވައިތުން އުފެއްދުމަކީ ކުވައިތުގެ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން ހިމެނޭ ޕާލަމެންޓް ގަބޫލުކުރާނެ ކަމެއް ނޫންކަމުގަ އެވެ.

ގަލްފުގައި ޕާލަމެންޓެއް އޮންނަ ހަމައެކަނި ގައުމަކީ ކުވައިތު

އާއިލީ ރަސްކަމުގެ ނިޒާމުތަކެއް އޮންނަ ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމެންޓެއް އޮންނަ ހަމައެކަނި ގައުމަކީ ކުވައިތެވެ. ކުވައިތުގެ ޕާލަމެންޓްގައި ހިމެނޭ 50 މެންބަރުންގެ ތެރެއިން 41 މެންބަރުން އެބަޔާނުގައި ވަނީ ސޮއިކޮށްފަ އެވެ. އެ ބަޔާނުގައި ކުވައިތުގެ ސަރުކާރުން ސިއްރިޔާތުގައި ވެސް އަދި ފާޅުގައި ވެސް އިސްރާއީލާ އެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރަމުން ނުދާތީ އެކަމަށް ޓަކައި ކުވައިތު ސަރުކާރަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. އަދި އެގޮތުގައި ދެމިއޮތުމަށް ސަރުކާރުގެ ކިބައިން އެދި ބާރު ވެސް އަޅާފައިވެ އެވެ.

ކުވައިތުގެ ޕާލަމެންޓުން މި ގޮތަށް ބަޔާން ނެރެފައި މިވަނީ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަށް ނިންމިކަން އިއްލާނު ކުރުމުން ފަލަސްތީނުގެ ރައްޔިތުންނަށާއި އަދި އަރަބި އިސްލާމީ ދުނިޔެއަށް ބޮޑު ހިތާމައެއް ލިބި އިސްރާއީލުގެ ކުރިމަތީގައި އަރަބި އިސްލާމީ ސަފުތައް ރޫޅި ބައިބައިވަމުންދާ ދަނޑިވަޅެއްގަ އެވެ.

ފަލަސްތީނުގެ ހައްގުތަކުގައި އިސްލާމީ ގައުމުތަކުގެ ސްޓްރެޓެޖީ

ފަލަސްތީނުގެ ބިމާއި ހައްގުތައް ހޯދުމަށާ މާތްވެގެންވާ މަސްޖިދުލްއަގްސާ އިސްރާއީލުގެ ވަކިތަކުން މިކިވަން ކުރުމަށާ އަދި ފަލަސްތީނުގެ ދައުލަތް ގާއިމްކުރުމަށް އިސްރާއީލާ ދެކޮޅަށް އަރަބި އިސްލާމީ ގައުމުތަކުން މިހާރު ގެންގުޅޭ ހަމައެކަނި ސްޓްރެޓެޖީއަކީ އިސްރާއީލަށް އިޢުތިރާފުނުވެ އިސްރާއީލު އެކަހެރިކޮށް އިސްރާއީލާ ގުޅުންތައް ނުއުފެއްދުމެވެ.

އަރަބި ސަމިޓްތަކާއި އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ ސަމިޓްތަކުން ވެސް އެގޮތަށް ނިންމައި ފަލަސްތީނާބެހޭ ސްޓްރެޓެޖީތައް ރާވާފައިވަނިކޮށް ޔޫއޭއިން އެއާ މުޅިން ޚިލާފުގެ އިޖްމާޢުން ބޭރުވެ އަރަބި އިސްލާމީ މަސްލަހަތަށް ޚިޔާނާތްތެރިވުމުން އަރަބި އިސްލާމީ އެތައް ގައުމެއްގައި ޔޫއޭއީ އާ ދެކޮޅަށް ވަނީ ނުރުހުމުގެ ޝުޢޫރުތައް އުފެދި ރައްޔިތުންވަނީ މުޒާހަރާތައްކޮށްފަ އެވެ. ފަލަސްތީނުގެ ރައީސް އައްބާސް ވަނީ މިއީ ޚިޔާނާތުގެ އަމަލެއްކަމަށް ސިފަކުރައްވާފަ އެވެ.

ޔޫއޭއިން އިސްރާއީލާ އެކު ޑިޕްލޮމެޓިން ގުޅުންތަކާއި އެނޫން ވެސް ހުރިހާ ގުޅުންތަކެއް އުފެއްދީ ފަލަސްތީނުގެ އެއްވެސް ހައްގެއް ދިނުން ޝަރުތުކޮށްފައެއް ނޫނެވެ. ޔޫއޭއީއަކީ އެގައުމުގެ އިގްތިސާދު ހިންގުމަށާއި ދިފާއާއި އެނޫންވެސް ހުރިހާ ކަމެއްގައި ބޭރުގެ ފަރާތްތަކަށް ބަރޯސާވާ ކުޑަ ގައުމަކަށްވާއިރު ޔޫއޭއީ އަކީ އެވަރުގެ ޝަރުތެއް އިސްރާއީލަށް ކުރެވޭޭ ވަރުގެ ބުރަދަނެއް ހުރި ގައުމެއް ނޫނެވެ.

ޔޫއޭއީން އިސްރާއީލާ ގުޅުން ގާއިމްކުރީ އާއިލީވެރިކަން ދެމެހެއްޓުމަށް

ޔޫއޭއީން އިސްރާއީލާ ގުޅުންތައް އުފެއްދުމުގައި ފަހަތުގައި ވަނީ އެގައުމުގެ ރައްޔިތުންނާއި އެގައުމުގެ ގައުމީ މަސްލަހަތެއް ނޫނެވެ. އޭގެބަދަލުގައި އިސްރާއީލާ ގުޅުންތައް އުފެއްދުމުގެ މަސްލަހަތު ގުޅިފައިވަނީ ޔޫއޭއީގައި ރައްޔިތުންގެ އެއްވެސް ބައިވެރި ވުމެެއްނެތި ވެރިކަންކުރާ ޝާހީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އަރަބި ގައުމުތަކާއި އަވަށްޓެރި ގައުމުތަކުގައި ޔޫއޭއީ އިސްކޮށް އޮވެގެން ހިންގާ އެޖެންޑާތައް ތަންފީޒުކުރުމެވެ. އިސްރާއީލު ވެސް ގެންދަނީ އަރަބި ގައުމުތަކުގައި ރައްޔިތުންގެ ވެރިކަމުގެ ނިޒާމުތައް (ޑިމޮކްރަސ)ީ އޮތުމާ ދެކޮޅަށް އެމެރިކާއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

އެއީ ރައްޔިތުންގެ ވެރިކަމެއް އޮންނަނަމަ އިސްރާއީލަށް އަރަބިންގެ ތެރެއަށް ނުވަދެވޭނެ ކަމާއި އަރަބި ސަފުތައް ފޫއަޅުވާނުލެވޭނެކަން އިސްރާއީލަށް އެނގޭތީ އެވެ. އެހެންކަމުން އެމެރިކާއާއި އިސްރާއީލުން ބަރޯސާވަނީ އަރަބި ޑިކްޓޭޓަރުންނަށެވެ. ރައްޔިތުންގެ ކައިރިން ހޭވެސް އަހާނުލައި އާއިލީ ވެރިކަންތައް ކުރާ އަރަބި ވެރިންނަށެވެ. އޭގެވެރިން ގިނައީ ގަލްފުގެ ގައުމުތަކުގައެވެ. މީގެއިތުރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ގެނެސްގެން އީރާނާ ދިމާކުރުމަކީވެސް ޔޫއޭއީ ބޭނުންވާ ކަމެކެވެ.

ކުޑަކުޑަ ޔޫއޭއީ ގެންގުޅެނީ އެގައުމުގެ ސައިޒަށްވުރެ ބޮޑު އެޖެންޑާއެއް

ޔޫއޭއީ ފަދަ ކުޑަ ގައުމަކަށް އެގައުމުގެ ސައިޒަށްވުރެ ބޮޑެތި އެޖެންޑާތަކެއް ސަރަހައްދުގައި ތަންފީޒު ކުރެވޭނީ ދުނިޔޭގައި ބާރާއި ނުފޫޒުގަދަ ޔަހޫދީ ޖަމާއަތްތަކާއި އެމެރިކާގެ ފުރިހަމަ ތާއީދު ލިބިގެން ކަމަށް އެގައުމުގެ ވެރިން ދެކެވަޑައި ގަންނަވައެވެ. އަދި އެތާއީދު ހޯދޭނީ ފަލަސްތީނުގެ މަސްލަހަތު ބޮލާލައި ޖެހުމަށްފަހު އިސްރާއީލާ ގުޅުންތައް އުފައްދައިގެންކަން ޔޫއޭއީގެ ވެރިންނަށް ކަށަވަރުވެ އެވެ.

ޔޫއޭއީގައި ޚުދު ވެރިކަންކުރާ ޝާހީ އާއިލާތަކެއް ވެރިކަން ކުރާ ގައުމެކެވެ. ރައްޔިތުންގެ އެއްވެސް ބައިވެރިވުމަކާ ނުލައި އޮޓޮކްރެޓިކް މިވެރިކަން ދެމެހެއްޓުމަށް އެގައުމުން ހިންގާ ކަންތައްތަކުގެ ތެރޭގައި އަރަބި އެއްވެސް ގައުމެއްގައި ރައްޔިތުންގެ ވެރިކަން (ޑިމޮކްރަސީ)ގެ ނައުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމާއި ޑިމޮކްރެޓިކް ވެރިކަމެއް ކާމިޔާބު ކުރިނަމަވެސް ފައިސާއާއި ރިޝްވަތު ދީގެން އެވެރިކަމުގެ ނިޒާމު ޚަރާބުކޮށްލުން ހިމެނެއެވެ. ޔޫއޭއީން ލީބިއާއަށް ވަނުމާއި ތޫނިސްގެ ޑިމޮކްރަސީ ޚަރާބުކޮށްލުމަށް ޔޫއޭއީ ހިންގާ ކަންތައްތައް މީގެ ހެއްކަކަށް ފުދެއެވެ.

އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ އީރާނާއި ތުުރުކީއާ ދިމާކުރުން

މީގެއިތުރުން ޔޫއޭއީ އަށް ވުރެ މާބިޔަ އާބާދީ އެތަށް ގުނައެއްބޮޑު މާބާރުގަދަ އިސްލާމީ ގައުމުތައް ކަމަށްވާ އީރާނާއި ތުރުކީފަދަ އިސްލާމީ ގައުމުތަކާ ދެކޮޅަށް ޔޫއޭއީ ގެންގުޅޭ ދެކޮޅުވެރި ހަރާކާތްތަކަކީވެސް ޔޫއޭއީގެ ސައިޒަށްވުރެ މާބޮޑު ކަންމަކަށްވާތީ އެކަންކަން ކާމިޔާބު ކުރެވޭނީވެސް އިސްރާއީލާއި އެމެރިކާއާ އަދި ޔަހޫދީ ޖަމާއަތްތަކުގެ އެހީތެރިކަމާއެކުގައިކަން ޔޫއޭއީ ގެ ޝާހީ އާއިލާތަކުގެ އިސްވެރިންދެކެ އެވެ.

ތުރުކީ ސިނާއީ ގައުމަކަށް ބަދަލުވަމުންދާއިރު އީރާނަކީ ނިއުކްލިޔާ ގާބިލްކަން ލިބިފައިވާ އަދި ހުރިހާކަމެއްގައި ހުރިހާ ކަމެއްގައިވެސް އަމިއްލަ ޓެކްނޮލޮޖީ ގާއިމް ކުރަމުން ގެންދާ ރިސޯސްފުލް އަސްކަރީ ބާރެކެވެ. އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑެން ވަޑައިގެންފިނަމަ އެމެރިކާއިން އީރާނާ ގާތްވެދާނެކަމުގެ ބިރު ޔޫއޭއީ އާއި ސައޫދީ އިހްސާސް ކުރެއެވެ.

ސައޫދީ އާއެކު ޔޫއޭއީ ބައިވެރިވެގެން ފެށި ޔަމަންގެ ހަނގުރާމަ ނާކާމިޔާބު ވުމަކީވެސް އެކަމުގެ ބިރު ޔޫއޭއީ އިހްސާސް ކުރާ ކަމެކެވެ. އެހެންކަމުން އިސްރާއީލަށް އެމެރިކާ ދޭފަދަ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ލިބޭނީ އިސްރާއީލާ ގުޅުންތައް ގާއިމްކޮށްގެންކަމަށް ޔޫއޭއީގެ ވެރިން ދެކެއެވެ.

ގުޅުންތައް ގާއިމް ކުރުމުންވެސް ޔޫއޭއީ ނިކަމެތިކޮށްލަނީ

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލާ ގުޅުންތައް އުފެއްދިނަމަވެސް އިސްރާއީލަށް ލިބޭފަދަ އެމެރިކާގެ މޮޅު ހަތިޔާރު ޔޫއޭއީއަށް ނުލިބޭނެކަމަށް ވިދާޅުވެ ޔޫއޭއީ ގެ ވެރިން ނިކަމެތިކޮށް ލަދުގަންނަވާ ލައްވާފައެވެ. މީގެއިތުރުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފިނަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތުވެސް ލިބިދާނެކަމަށް ޔޫއޭއީގެ ވެރިން އުންމީދު ކުރައްވައެވެ.

އެއީ ޔޫއޭއީއަށްވުރެ އެތަށް ގުނައެއް ބޮޑު އަދި ނިއުކްލިޔާ ދާއިރާގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އީރާނާ ދިމާކުރުމަށާ އަރަބި އެހެން ގައުމުތަކަށް ބާރާއިނުފޫޒު ހިންގޭނީ ނިއުކްލިޔާ ބާރަކަށްވެސް ވެގެންކަމަށްވާތީއެވެ. ނަމަވެސް ނަތަންޔާހޫ ވަނީ މިކަމުގައިވެސް ޔޫއޭއީގެ ވެރިން މާޔޫސްކޮށްލައްވާފައެވެ، ނަތަންޔާހޫ އިއްޔެ ވިދާޅުވެފައިވަނީ އިސްރާއީލާ ގުޅުންތައް ގާއިމްކުރިނަމަވެސް ނިއުކްލިޔާ ދާއިރާގައި އެއްވެސް ފުރުސަތެއް ޔޫއޭއީ އަށް ނުލިބޭނެކަމުގައެވެ. އަދި ސަރަހައްދުގައި އަބަދުވެސް ބާރުގަދަ ގައުމެއްގެ ގޮތުގައި އޮންނާނީ އިސްރާއީލު ކަމަށާ އެކަން ބަދަލުކުރާމެދު ޚިޔާލުވެސް ނުކުުރުމަށް އޭނާވަނީ ޔޫއޭއީގެ ވެރިންނަށް ގޮވާލައްވައި މިފުރުސަތުގައިވެސް ޔޫއޭއީ ނިކަމެތިކޮށްލައްވާފައެވެ.

ޔޫއޭއީ ދާދިފަހުންވަނީ ދެކުނު ކޮރެއާގެ އެހީގައި އެގައުމުގައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކޮށް އެ ރިއެކްޓަރު ހުޅުވާފައެވެ. ދެކުނު ކޮރެއާގެ އެހީގައި އެކަންކުރީ ޔޫއޭއީގެ އެކުވެރި އެމެރިކާގެ އެއްވެސް އެހީތެރިކަމެއް ނިއުކްލިޔާ ޓެކްނޮލޮޖީ ބިނާކުރުމުގައި ޔޫއޭއީއަށް ނުލިބުމުންނެވެ.

ސައޫދީ އާއި ބަހްރައިން ވެސް އިސްރާއީލާ ގުޅުން ގާއިމްކުރުން ވަރަށް ގާތް

ޔޫއޭއީގެ ވެރިން އެބޭފުޅުންގެ ޢާއިލީ ވެރިކަން ދިފާއުކުރަން އިސްރާއީލާ ގުޅުންތައް ގާއިމްކުރާއިރު ސައޫދީ އަރަބިއާއި ބަހްރައިން އިންވެސް ދާދިއަވަހަށް މިފިޔަވަޅު އަޅާނެކަމަށް އިޝާރާތް ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުސްތަޝާރު އަދި އޭނާގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ސައޫދީ އާއި ބަހްރައިން އަކީ އާއިލީ ރަސްކަމުގެ ނިޒާމުތައް ހިމާޔަތްކޮށް ތާއބަދަށް އެނިޒާމުތައް ދެމެހެއްޓުމުގެ ހުވަފެނުގައި މިހާރުވެސް ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާއެކު ގުޅުންތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެގައުމެވެ. ޔޫއޭއީން އިސްރާއީލާ ގުޅުން ގާއިމް ކުރަން ނިންމުމުން ބަހްރައިން އިންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ސައޫދީން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ. ގަލްފުގެ ރަސްކަމުގެ ނިޒާމުތަކާއި އިސްރާއީލާ ގުޅުންތައް ގާއިމް ކުރެވޭތޯ ބަރުއަޅާ ގައުމަކީ އެމެރިކާއެވެ.

comment ކޮމެންޓް