ގުޅުން ގޯސްވުމުން މަޝްވަރާއަށް ޕާކިސްތާނުގެ ސިފައިންގެ ޗީފް ސައުދީއަށް

ޕާކިސްތާނުގެ ސިފައިންގެ ޗީފް ޖެނެރަލް ގަމަރު ބަޖުވާ--

ޕާކިސްތާނާ ސައުދީ އަރަބިއްޔާގެ ގުޅުން ގޯސްވުމުން ޕާކިސްތާނުގެ ސިފައިންގެ ޗީފް ޖެނެރަލް ގަމަރު ބަޖުވާ މަޝްވަރާއަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ޕާކިސްތާނުގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ގަމަރުގެ އެދަތުރުގައި އެގައުމުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ވެރިޔާ ޖެނެރަލް ފާއިޒް ހަމީދުވެސް ބައިވެރިވެލައްވާ ކަމަށެވެެ.

ޕާކިސްތާނުގެ މިލިޓަރީން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރަކީ ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަކޮށް އަސްކަރީ ފަރިތަކުރުންތައް ބޭއްވުމުގެ މަގްސަދުގައި ކުރާ ދަތުރެއް ކަމަށެވެ.

ގަމަރު ސައުދީއަށް ވަޑައިގެންނެވިއިރު ޕާކިސްތާނާ ސައުދީގެ ގުޅުން މިއިން ޒަމާނަކުވެސް ގޯސްނުވާވަރަށް ވަނީ ގޯސްވެފަ އެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވާން ދިމާވީ ކަޝްމީރުގެ މައްސަލައިގަ އެވެ. އިންޑިއާއިން ކޮންޓްރޯލްކުރާ ޖައްމޫ އެންޑް ކަޝްމީރުގެ މައްސަލާގައި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ)ން ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ނުކުރާތީ އެ ޖަމިއްޔާއިން ވަކިވާން ޖެހިދާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އޯއައިސީގެ މަރުކަޒު ހުންނަނީ ސައުދީގަ އެވެ.

ގުޅުން ގޯސްވެ ސައުދީން ފަހުން ވަނީ ކްރެޑިޓަށް ޕާކިސްތާނަށް ތެޔޮވިއްކުންވެސް މަޑުޖައްސާލައިފަ އެވެ.

ދޭހާސް އަށާރަ ވަނަ އަހަރު ސައުދީއާއި ޕާކިސްތާނާ ދެމެދު ހެދި ތެޔޮ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 3.2 ބިލިއަން ޑޮލަރުގެ ތެޔޮ ޕާކިސްތާނަށް ފޯރުކޮށްދޭން ނިންމި އެވެ.

ނަމަވެސް މިދިޔަ މޭ މަހު އެ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ސައުދީން ވަނީ ފަހުން ފައިސާ ދައްކާ ގޮތަށް ތެޔޮ ވިއްކުން މަޑުޖައްސާލައިފަ އެވެ.

އެއްބަސްވުން ހަމަވުމުން ޕާކިސްތާނުން މިހާރު ވަނީ އެ ތެޔޮ ފެސިލިޓީގެ އެގްރިމަންޓްގެ މުއްދަތު އިތުރުކުރަން ސައުދީއަށް ހުށަހަޅައިފަ އެވެ. ނަމަވެސް ސައުދީން އެ ހުށަހެޅުމަށް އަދިވެސް ޖަވާބެއް ނުދެ އެވެ.

ޕާކިސްތާނުން ސައުދީން ނެގި ލޯނުގެ ތެރެއިން އެއް ބިލިއަން ޑޮލަރު ވަނީ ދައްކައި ނިންމައިފަ އެވެ. އެ އަދަދަށް ލޯނު ދެއްކީ ލޯނު ދައްކަން ޖެހޭ މުއްދަތުގެ ހަތަރު މަސް ކުރިންނެވެ. އެ ލޯން ދައްކާފައި ވަނީ ޗައިނާއިން ލޯނެއް ނަގައިގެންނެވެ. --އަލްޖަޒީރާ

comment ކޮމެންޓް