އިމްޕޯޓް، އެކްސްޕޯޓް ދަށްވި ނަމަވެސް އާމްދަނީއަށް ކުޑަ އިތުރުވުމެއް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވި ޖުލައި މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވި ނަމަވެސް އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީއަށް ކުޑަ އިތުރުވުމެއް އަތުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 3.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ 49 ޕަސެންޓު ދަށްވުމެކެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގަކީ 203 މިލިއަން ރުފިޔާ އެވެ. މިިއީ 2019ގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު ދެ ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގަކީ 208 މިލިއަން ރުފިޔާ އެވެ.

ޖުލައި މަހު މުދާ އެތެރެކުރި މިންވަރު ދަށްވި ނަމަވެސް، އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަނީ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު 292 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއަހަރުގެ ޖުލައި މަހު އާމްދަނީގެ ގޮތުގައި ލިބުނީ 293 މިލިއަން ރުފިޔާ އެވެ.

ޖުލައި މަހު އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ފަސް ގައުމަކީ އޮމާން، އިންޑިއާ، ޗައިނާ،، ސިންގަޕޫރު އަދި ޔޫއޭއީ އެވެ. އެންމެ ގިނައިން އެކްސްޕޯޓު ކުރީ އިނގިރޭސިވިލާތް، ވިއެޓްނާމް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް އަދި އެމެރިކާއަށެވެ.

comment ކޮމެންޓް