ހެލްތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަސްލަމްއާ ހަވާލުކޮށްފި

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް: ހެލްތު މިނިސްޓްރީ ހިންގުން ވަނީ އަސްލަމްއާ ހަވާލުކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަހުގީގު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން، މިނިސްޓަރު އަމީން އެކަހެރިވެވަޑައިގެންފައި ވަނިކޮށް އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުނު ހައިސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ހިންގުނުން މިނިސްޓަރު އަސްލަމްއާ ހަވާލު ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރުމާ އެކު މިނިސްޓަރ އަމީނަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ގިނަ ފަރާތްތަކަކުން ގޮވާލައިފަ އެވެ.

އެ ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފަ އެވެ. އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ނެރުނު ކޮވިޑް19 ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައި ވަނީ، ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުން ވެންޓިލޭޓަރުތައް ގެނައުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ. އެގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއޯއީސީ)ގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި އެކުންފުނި މެދުވެރިކޮށް ލިބުނު ވެންޓިލޭޓަރުތަކަކީ ގަތުމަށް ހުށަހެޅި ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަމާއި އަދި އެ ކުންފުންޏާ ގަތުމަށް ހަވާލުކޮށްފައި ވަނީ އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން އޮޓިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ.

އެ މައްސަލާގައި މިނިސްޓަރު އަމީން، ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތުން އެކަހެރިވާން ގަސްތުކުރައްވާ ކަމަށެވެ.

comment ކޮމެންޓް