ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން ވިލުފުުއްޓަށް ހިތްގައިމު އައުޓްޑޯ ޖިމެއް

ވިލުފުށީގައި ގާއިމްކުރި އައުޓް ޑޯ ޖިމް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ވިލުފުށީ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ތަރައްގީ ކޮށްފި އެވެ.

އައުޓްޑޯޯ ޖިމް ތަރައްގީ ކޮށްފައިވަނީ ވިލުފުށީ ބަނދަރު ސަރަހައްދުގައި ކައުންސިލްގެ ފަރާތުން ގާއިމް ކުރަން ކަނޑައަޅާފައިވާ ޕާކުގެ ބަޔެއްގެ ގޮތުގަ އެވެ.

މި އައުޓްޑޯ ޖިމާއެކު މި ސަރަހައްދުގައި ކުޑަކުދިން ކުޅޭ އޭރިޔާ، ސްކޭޓް އޭރިޔާ، ޕްލޭ ހިލް، މަސްފެންގަނޑެއް ތަރައްގީ ކުރެވި އެ ސަރަހައްދަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރި މިި ޖިމް އަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެކެވެ.

ވިލުފުށީގައި ގާއިމްކުރި އައުޓް ޑޯ ޖިމް -- ފޮޓޯ: ބީއެމްއެލް

"ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ ވެސް އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ މި ގާއިމްކުރެވުނު ޖިމް އަކީވެސް ވިލިފުށީ ރައްޔިތުން ފުރިހަމަ ގޮތެއްގައި އެތަނުގެ ބޭނުން ހިފާނެ ތަނަކަށް ވެގެން ދިޔުން." ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި ވަސަނަ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮޖެކްޓް ގެ މަގުސަދަކީ ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ މަގުފަހި ކުުރުމެވެ. ވިލުފުއްޓަކީ ސުނާމީއާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް އެ ރަށުގައި ގޯތިތެރޭގައި މާބޮޑު ހުސްޖާގައެއް ނޯނާތީ ކަސްރަތު ކުރުމާއި ކުދި ބޮޑު އެންމެން ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެން ކަމުން މި އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއް. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތުގައި ބައިވެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޮފިޝަލް ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެ އެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް