ގޯސްކޮށް ކަމެއް ކޮށްފިނަމަ ޕާޓީއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަންޖެހޭނެ: ޖޭޕީ

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިއްބެވި ބޭފުޅުން ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ އެއީ ޖުމްހޫރީ ޕާޓީގެ ނުވަތަ އެހެން ޕާޓީއެއްގެ ބޭފުޅެއް ވިޔަސް، ފިޔަވަޅު އެޅުމަކީ އޮންނަންޖެހޭނެ ގޮތް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން، ޖޭޕީގެ ސްލޮޓެއްގައި ކެބިނެޓުގައި އިންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

އެ މައްސަލައިގައި އެ ޕާޓީން މިއަދު ބުނީ ޖުމްހޫރީ ޕާޓީއަކީ ކިތަންމެ ކުޑަ ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް ހިތްވަރު ދޭނެ ޕާޓީއެއް ނޫން ކަމަށެވެ.

އަދި ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން ޖޭޕީއަށް ލިބޭ ސްލޮޓް ތަކަށް ބޭފުޅުން ކަނޑައަޅާ، އެ ޕާޓީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބެއްލެވުމަށް ފަހުން އެ ބޭފުޅަކު ކެބިނެޓް މިނިސްޓަރަކަށް ނުވަތަ އެހެންވެސް ސިޔާސީ މަގާމަކަށް އައްޔަންކުރައްވަނީ އެ ބޭފުޅަކާ ހަވާލުކުރެވޭ މަސްއޫލިއްތު ގާނޫނީ ހަމަތަކުގެ ތެރެއިން، ފުރިހަމައަށް އަދާކުރުމަށް ކަމަށެވެ.

އަދި މަގާމަށް އައްޔަންވާ ބޭފުޅަކު އުސޫލުތަކުގެ ތެރެއިން ފުރަންޖެހޭ ގާނޫނީ ލިޔެކިޔުން އަދި ކުށުގެ ރެކޯޑުތައް ފުރިހަމަކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން ޖޭޕީގެ ފަރާތުން ފޮނުވާ ނަމެއް އައްޔަންވުމަށް ފަހު އެ ބޭފުޅަކު ސަރުކާރުގައި އަދާކުރައްވާ މަސްއޫލިއްޔަތު އެ ޕާޓީން ބަލައި، މޮނިޓާކޮށް ނުހަދާނެ ކަމަށާއި އަދި ދުވަހުން ދުވަހަށް އެބޭފުޅުންގެ މަސައްކަތާއި ގުޅޭ ކަންކަން ބައްލަވާނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަކުން ކަމަށް ޖޭޕީން ބުންޏެވެ.

"އަދި އެބޭފުޅަކު އުސޫލުތަކާއި ގަވާއިދުތަކާ ގާނޫނުތަކުން ބޭރުން ކުރާ ކަމެއްގައި ރައީސް ސޯލިހު އަޅުއްވާ ފިޔަވަޅަކާ މެދު ޖޭޕީ އިން ބަސްކިޔާ، ގޮތް ކިޔާ ނުހަދާނެއެވެ." ޖޭޕީން ބުންޏެވެ.

ހަމައެއާއެކު ޖޭޕީ އަކީ ތަހުގީގީ އިދާރާއެއް ނޫން ކަމުން އެއްވެސް ބޭފުޅަކާ މެދު އެކި ފަރާތަކުން ދައްކާ ވާހަކަތަކާއި ކުރާ ތުހުމަތުތައް ބަލާ ފިޔަވަޅު ނާޅާނެ ކަމަށާއު އެފަދަ ކަންކަން ބެލޭނެ ގާނޫނީ ނިޒާމްތައް ހުރި އިރު، އެ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބަލާ އަދި އެ އިރަކަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައި، އަންގަން އޮންނަ ފަރާތްތަކަށް އަންގައިގެން ކުރާ ކަންކަމާއި ވެސް ޖޭޕީން ބަސްބުނަން ޖެހޭ ކަމެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޖޭޕީން ބުނީ ރައީސް ސޯލިހު އެކަމެއްގައި ފިޔަވަޅެއް އަޅުއްވާންވީ އެކަމެއް ބަލަންޖެހޭ އެންމެ ފުންމިނަށް ބައްލަވާފައި ކަމާމެދު އެ ޕާޓީން ޝައްކެއް ނުކުރާ ކަމަށެވެ.

"ވީމާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިއްބެވި ޖޭޕީ ބޭފުޅުން ގަވައިދާ ގާނޫނާއި ހިލާފަށް ކަމެއް ކުރައްވާފައި ވާނަމަ އެކަމެއްގައި ނިންމާ ނިންމުމެއް ނުވަތަ އަޅާ ފިޔަވަޅެއް ވިޔަސް ޖޭޕީ ނޫން އެހެން ޕާޓީއެއްގެ ބޭފުޅަކު އެފަދަ ކަމެއް ކުރެއްވިޔަސް އެކުރައްވާ ބޭފުޅަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ދެކެމެވެ." ޖޭޕީން ބުންޏެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ރާއްޖެއަށް ވެންޓިލޭޓަރު ގަތުމާއި އެހެން ވެސް ކޮވިޑާ ގުޅިގެން ގަތް ސިއްހީ ދާއިރާގެ ތަކެތި ގަތުމުގައި ހީލަތާއި މަކަރު ހަދައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއްގެ ހަރަދުތައް ސަރުކާރުން ކޮށްފައިވާކަން ހާމަވެފަ އެވެ. މީގެ އިތުރުން، ޓޫރިޒަމުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ނަހަމަ ގޮތުގައި ހަރަދުކޮށްފައިކަން އޮޑިޓުން ރިޕޯޓުން ދައްކަ އެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންތައްތަކާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

comment ކޮމެންޓް