ޝުޖާއު މަގާމުން ވަކިކުރާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ޝުޖާއު ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: އޭނާ ވަކިކުރާ މައްސަލަ ކޮމިޓީއަށް ވަނީ ފޮނުވާފައި --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ހައި ކޮޓުގެ އިސްފަނޑިޔާރު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންެގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޝުޖާއުާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ، މިމަހު 12 ވަނަ ދުވަހު އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ މައްސަލަ މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި ކަމަށް އިއުލާން ކޮށްފަ އެވެ.

އެ މަައްސަލައިގައި ޖުޑީޝަރީ ކޮމީޓީން ބަލާނީ ޖޭއެސްސީގެ ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ރަނގަޅު ނިންމުމެއްތޯ އެވެ. އެއަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވައި، ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވޯޓަށް އަހާނެ އެވެ.

ޝުޖާއު އުސްމާން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވަން ނިންމި އިރު، އޭނާ ހުރީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑު ކުރީ ޖޭއެސްސީން ބަލަމުން އައި ދެ މައްސަލައަކާ ގުޅިގެންނެވެ.

ޝުޖާއުއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެކެވެ.

ދެވަނަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާ ނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމަށް ފާޅުކަންބޮޑުގޮތެއްގައި ހުވަދުއަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރި ކަމުގެ ތުހުމަތު ޝުޖާއުއަށް ކުރެވެ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ތަހުގީގު ރިޕޯޓްގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއު އުސްމާނަށް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނިކޮށް ޝުޖާއު އުސްމާން ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސީ، ޖޫން، 2015ގަ އެވެ. ޝުޖާއު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެ އެވެ.

comment ކޮމެންޓް