ހުޅުމާލޭގެ ތިން ދަނޑެއްގެ ޓާފް ބަދަލު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށް ގެންދިޔަ ގޯލްޑަން ފުޓްސަލް މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުޅުމާލޭގައި އަޅާފައިވާ ތިން ފުޓްސަލް ދަނޑެއްގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި މަސައްކަތް ވުޒާރާގެ ފަރާތުން ހަވާލުކޮށްފައިވަނީ މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލްނާފިއު ތައުފީގެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް މަމްނޫޒް ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ 1.5 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރާތާ 35 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ތިން ދަނޑެއްގެ ޓާފް ބަދަލުކުރުމަށް ހަވާލުކުރިއިރު، މީގެ ތެރޭގައި ހުޅުމާލޭ ރެހެންދި ސްކޫލް ކުރިމަތީގައި އޮންނަ ދެ ދަނޑުވެސް ހިމެނެއެވެ. މި ދެ ދަނޑަކީ މާލެ ސިޓީގައި ބާއްވާ ބޮޑެތި މުބާރާތްތައް ބޭއްވުމަށް ބޭނުންކުރާ ދެ ދަނޑެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕާއި، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހު ދެ މުބާރާތްވެސް އެ ދަނޑުތަކުގައި ކުރިއަށް ގެންގޮސްފައިވާ އިރު ފަހަކަށް އައިސް މި ދަނޑުތަކުގެ ޓާފް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮވިޑްގެ ނުރައްކަލާ އެކު މިހާރު ވަނީ މާލޭ ސަރަހައްދުގެ ހުރިހާ ކުޅުވަރު ކުޅޭ މަރުކަޒުތަކާއި ދަނޑުތައް ބޭނުން ކުރުން މަނާ ކޮށްފަ އެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާ ވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރަށްރަށުގައި އަޅާ ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތުގެ ތެރެއިން މިއަހަރު އެކަނި ވެސް 13 ރަށެއްގެ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، އިތުރު 22 ރަށެއްގެ ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ހޯއްދަވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް