ސިޔާސީ މީހުން ޖޭއެސްސީގައި ނުތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި

މަޖިލިސް ޖަލްސާއެއްގައި ތޯރިގް ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ހުށަހަޅުއްވައިފި އެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެ ފޯމޭޝަނަށް އޭރަކު އިދިކޮޅުގައި އޮންނަ ފަރާތައް ފާޑު ކިޔަ އެވެ. އެހެން ނަމަވެސް ސަރުކާރު ލިބުމާ އެކު ފޯމޭޝަން ބަދަލު ކުރުމަށް އެފަރާތްތަކުން ބޭނުން ނުވެ އެވެ.

ޓޮމް ހުށަހެޅުވި ހުށަހެއްލުވި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ފާއިތުވި 12 އަހަރު ތެރޭ ފާހަގަވެފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބިލުގައި އޭނާ ބުނެފައިވެ އެވެ.

ގާނޫނު އަސާސީ އިން މިނިވަން ކަމާ އެކު ތިން ބާރު ވަކިން ހިނގުމުގެ ފުރުސަތު ލިބެންޖެހޭކަން ފާހަގަކޮށް ބިލުގައި ބުނީ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން ފަރުމާކޮށްފައިވާ ޖޭއެސްސީ އެކުލަވާލުމުގައި، ވެރިކަން ކުރާ ބާާއި ގާނޫނު ހެދުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުންނަށް ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ނުރަނގަޅު، ސިޔާސީީ ނުފޫޒާއި ބާރު ވެސް އެކުލެވޭ ކަމަށް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

"ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުރުމުގެ މާހައުލު ގާއިމްކުރުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން މި ބިލް ހުށަހަޅަމެވެ،" ޓޯމްގެ އިސްލާހުގައި ބުނެފައިވެ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ؛

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކު
  3. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހެއް
  4. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
  5. ބަންޑާރަ ނައިބު
  6. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  7. އުއްތަމަ ފަނޑިޔާރުފިޔަވައި ސުޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކު
  8. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  9. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  10. ވަކީލުންގެ ފަރާތުން އިންތިހާބު ކުރާ މެމްބަރަކު

ޓޮމް ހުށަހެޅުއްވީ، މަޖިލިސް ރައީސްއާއި މަޖިލިސް މެމްބަރު، މަޖިލީހުން ކަނޑައަޅާ މީހާ، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމަނާ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.

އެގޮތުން އޭނާ ހުށަހެޅުއްވީ، އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި ރިޓަޔާކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި ވަކީލުންގެ ތެރެއިން ބޭފުޅަކާއި ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ލެކްޗަރާއަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅުއްވައި، މަޖިލީހުން ރުހުންދޭ މެމްބަރަކު ހިމެނުމަށެވެ.

އުއްތަމަ ފަނޑިޔާރު ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވޭނީ ފަސް އަހަރުގެ އެއް ދައުރުގަ އެވެ. ދައުރު ހަމަވުމުން އެ ބޭފުޅަކަށް ޖޭއެސްސީގެ މެމްބަރުކަމުގެ އިތުރު ދައުރެއް އަދައެއް ނުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެ ބިލަށް އަމަލު ކުރަން ފަށާނީ، އިސްލާހު މަޖިލީހުން ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ އެއާއެކު ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވައިދު އިސްލާހުކޮށް އާ ކޮމިޝަން އުފައްދަންޖެހޭ ކަމަށް ބިލުގައި ބުނެފަ އެވެ.

މިހާރު އޮތް ޖޭއެސްސީއަކީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެ އެވެ.

މި ސަރުކާރުގެ އިސްފަރާތްތަކުން އޭރު އިދިކޮޅުގައި ތިއްބެވި އިރު، ޖޭއެސްސީގެ ފޯމޭޝަނަށް ފާޑުކިޔައި، އެ ކަން ބަދަލު ކުރާނެ ކަމަށް ވައުދު ވެސް ވި އެވެ.

comment ކޮމެންޓް