މިސަރުކާރުގެ ގިނަ ހައުސިންގް ޔުނިޓްތައް ނިމޭނީ 2023 ގައިކަން ހާމަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ފްލެޓްތަކެއް —- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތައް ނިމޭނީ 2023 ވަނަ އަހަރުގައި ކަމަށް ހައުސިންގް މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޖަވާބުތައް މަޖިލީހުގެ އަމީންއާންމު ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

އަސްލަމް ވިދާޅުވާ ގޮތުން މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 10294 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް މިހާތަނަށް އަދި ވަނީ ނުފެށިފަ އެވެ. އެކަމަކު އެ މަސައްކަތްތައް ފެށޭނެ ތާރީހާއި ނިމޭނެ ތާރީހުތައް އަސްލަމް ވިދާޅުވި އެވެ.

  • އެފްޑީސީ އެފޯޑަބަލް، 4000 ހައުސިންގް ޔުނިޓް - ފެށޭނެ ތާރީހު 17 ނޮވެމްބަރު 2020، ނިމޭނެ ތާރީހު ނޮވެމްބަރު 2023
  • ސީއެޗްސީ ހައި އެންޑް، 1155 ހައުސިންގް ޔުނިޓް - ފެށޭނެ ތާރީހަކީ ޖޫން 2021، ނިމޭނެ ތާރީހަކީ ޑިސެމްބަރު 2023
  • ޕްރިމިއަމް ވިލާ 78 ހައުސިންގް ޔުނިޓް - ފެށޭ ތާރީހު ޖެނުއަރީ 2023 ގައި، ނިމޭނެ ތާރީހު ޖެނުއަރީ 2025
  • އެފްޑީސީ ސައިނޯ ހައިޑޯ އެފޯޑަބަލް 1700 ހައުސިންގް ޔުނިޓް - ފެށޭ ތާރީހު ދޭއް އޮކްޓޫބަރު 2020، ނިމޭނެ ތާރީހު 22 ސެޕްޓެމްބަރު 2022
  • އައިމިނާދީ ހައި އެންޑް 100 ހައުސިންގް ޔުނިޓް - އޮކްޓޫބަރު 2020 ގައި ފެށޭނެ ކަމަށް ލަފާކުރޭ، ނިމޭނީ ޑިސެމްބަރު 2021
  • ޖޭވީއެމްއައިޕީއެންއާރުސީ 162 ހައުސިންގް ޔުނިޓް - ފެށޭ ތާރީހު ޑިސެމްބަރު 2020، ނިމޭނެ ތާރީހު 2022
  • އެޗްޑީސީ ކައުންސިލް ހައުސިންގް، 2000 ހައުސިންގް ޔުނިޓް - ފެށޭ ތާރީހު ޖެނުއަރީ 2021، ނިމޭ ތާރީހު ޖެނުއަރީ 2023
  • އެޗްޑީސީ ހައި އެންޑް 355 ހައުސިންގް ޔުނިޓް -- ފެށޭ ތާރީހު ޖެނުއަރީ 2021، ނިމޭ ތާރީހު ޖެނުއަރީ 2023
  • މިކްސްޑް ޔޫސް ރެސިޑެންޝިއަލް 744 ހައުސިންގް ޔުނިޓް -- ފެށޭ ތާރީހު ޖެނުއަރީ 2022، ނިމޭ ތާރީހު ޖެނުއަރީ 2024

އަސްލަމް ވިދާޅުވީ އެއީ މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 10294 ހައުސިންގް ޔުނިޓް ބެހިގެންވާ ގޮތް ކަމަށެވެ. އެތަނުގައި ހިމެނޭ ދެ ކޮޓްރީގެ ތަންތަން 650 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިން ކޮޓްރީގެ ތަންތަން 900 އަކަފޫޓަށްވުރެ ކުޑަ ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭ ރައްޔިތުންނަށް ގޯތު ދޫކުރަން ނިންމާފައިވޭތޯ ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވެފައި ވަނީ މާލޭ މީހުންނަށް ގޯތީގެ ގޮތުގައި 1474 ޕްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ ގުޅީފަޅު ހިއްކާ އެތަނުގައި ތަރައްގީކުރެވޭ ރެސިޑެންޝަލް ސަރަހައްދުން ރޯ ހައުސް ތަރައްގީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 750 އަކަފޫޓުގެ 1200 ޕްލޮޓާއި ހުޅުމާލޭ ފޭސް ދެއަކުން 1000 އަކަފޫޓުގެ 26 ޕްލޮޓް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޯ އިތުރު 1000 އަކަފޫޓުގެ 248 ޕްލޮޓް ވިއްކުމަށް ހަމަ ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބިން ނުވަތަ ގޯތި ވިއްކާނެ ތާރީހެއް އަދި ދޫކުރާނެ ތާރީހެއްވެސް ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް