ހާލުގައި ދިރިއުޅޭ 17،000 އަށް ވުރެ ގިނަ އާއިލާ މާލޭގައި އެބަތިބި

މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި —

ގެދޮރުވެރިކަންް ކޮންމެހެން ބޭނުންވާ 17،000 އަށް ވުރެ ގިނަ އާއިލާ މާލޭގައި އެބަތިބި ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މޭލާގައި އަޅަން ނިންމާފައިވާ ހައުސިންގް ޔުނިޓްތަކާއި އެތަންތަން އެޅޭނެ ތާރީހާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިނިސްޓަރު އަސްލަމަށް ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ފޮނުއްވި ފަސް ސުވާލަށް މިނިސްޓަރު ވަނީ ޖަވާބު ފޮނުއްވާފަ އެވެ. އަދި މިއަދު މަޖިލީހަށް ހާޒިރުވީ މާލޭގެ ގެދޮރުގެ ހާލަތާއި ބެހޭ ކަރުދާހެއް ވެސް ހުށަހަޅައިދެއްވި އެވެ.

މަޖިލީހުގައި މިއަދު އެ ކަރުދާސް ހުށަހަޅުއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެކަށީގެން ނުވާ ހާލަތުގައި 5122 މީހަކު މާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. އެއީ 37 ޕަސެންޓް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރެޖިސްޓްރީކުރެވިފައިވާ ބިންތަކުގެ ތެރެއިން 600 އަކަފޫޓަށްވުރެ ކުޑަތަންކޮޅެއްގައި އިމާރާތްކޮށް ދިރިއުޅެމުންދާ ކޮންމެ އާއިލާއަކީ އެއީ އެޑެކުއޭޓްކޮށް ދިރިއުޅެވޭނެ ތަނެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވ އެވެ.

އެގޮތުން މާލޭގައި އެފަދަ ކުދި ތަންތަންކޮޅު ކޮޅުގައި 17073 އާއިލާ ދިރިއުޅެމުންދާ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކައުންސިލް ހައުސިންގް، އެފޯޑަބަލް ހައުސިންގް އަދި އެއަށްވުރެ މަތީ ފެންވަރުގެ މީހުން ދިރިއުޅެން ބޭނުންވާ ހައުސިންގް ޔުނިޓްތައް ބޭނުންވާނީ ކިހާވަރަކަށްތޯ އަސްލަމްވަނީ ނަމްބަރުން މަޖިލީހުގައި ވިދާޅުވެފަ އެވެ.

އެގޮތުން ކައުންސިލް ހައުސިންގް ބޭނުންވާ 1336 މާލޭ ރައްޔިތުން ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 3137 މީހަކު ކައުސިލް ހައުސިންގް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެފޯޑަބަލް ހައުސިންގް ބޭނުންވާ 2138 މާލޭ މީހަކު ތިބި އިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 2916 މީހަކަށް އެފޯޑަބަލް ހައުސިންގް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މިންވަރު ކަނޑައަޅާފައިވަނީ މީހުންނާ ލިބޭ އާމްދަނީގެ ނިސްބަތަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިސާބުތައް ނެރެފައިވަނީ ކިހިނެތް ކަމެއް އަސްލަމް ވިދާޅެއްނުވެ އެވެ. އެއީ އަންދާޒާއެއް ކަމެއްވެސް ވިދާޅެއްނުވެ އެވެ.

މިހާރު ހިނގަމުންދާ ހައުސިންގް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓްގެ 6720 ހައުސިންގް ޔުނިޓާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުން 3848 ހައުސިންގް ޔުނިޓާއި ސީއެމްއީސީގެ 1344 ހައުސިންގް ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2375 ހައުސިންގް ޔުނިޓެކެވެ.

comment ކޮމެންޓް