ހިޔާ ފްލެޓު: ނުގުޅިގެން 102 މީހެއްގެ ދިރިއުޅުމުގެ ހާލަތު ނުބެލޭ

ހިޔާ ފްލެޓް: އަދިވެސް 100 އަށް ވުރެ ގިނަ މީހުނަށް ނުގުޅޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނުގުޅިގެން 102 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ނުބެލޭ ކަމަށް ފްލެޓްގެ މައްސަލަތައް ބަލާ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން މިއަދު ވަނީ 102 ފަރާތުގެ ނަނައްތައްވެސް މިއަދު ގެޒެޓްކޮށްފައެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެވެއެވެ.

އެގޮތުން އަދިވެސް ދެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ކަމަށް އިއުލާންގައި ބުންޏެވެ. އަދި އެ ފަރާތްތަކާ ތަކުރާރުކޮށް ގުޅުމަށް މަސައްކަތް ކުރިކަން އިއުލާންގައި ވަނީ ފާހަގަކޮށްފައެވެ.

މިހާރު ނުގުޅިގެން އުޅެނީ "H11" ކެޓަގަރީން 23 މީހަކާއި "H9" ކެޓަގަރީން 79 މީހެކެވެ.

މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހު މެންދުރު 3:00 ގެ ކުރިން، މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށް ވެސް އެ ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އެދެއެވެ.

މީގެ ކުރިންވެސް ކޮމިޓީން ވަނީ ބައެއް ފަރާތްތަކަށް ނުގުޅިގެން ބައެއް ކެޓަގަރީތަކުގެ ލިސްޓު އާންމުކޮށްފައެވެ.

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތައް ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރައްވޭ ކަމަށް މީގެ ކުރިން ސަރުކަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް