އަފްގާން ސުލްހައަށް މަޝްވަރާ ކުރާ ޓީމުގެ މެމްބަރަކު އަވަހާރަކޮށްލަން މަސައްކަތްކޮށްފި

އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު ބާއްވަން އުޅޭ ސުލްހައިގެ ވާހަކަތަކުގައި ސަރުކާރު ތަމްސީލުކޮށްދޭ ޓީމުގެ މެމްބަރެއް ކަމަށްވާ ފައުޒިއާ ކޫފީ އަވަހާރަކޮށްލަން ބަޔަކު ވަނީ މަސައްކަތްކޮށްފަ -- ފޮޓޯ: އޭޕީ

ކާބުލް (އޮގަސްޓު 16): އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު ބާއްވަން އުޅޭ ސުލްހައިގެ ވާހަކަތަކުގައި ސަރުކާރު ތަމްސީލުކޮށްދޭ ޓީމަށް ނިސްބަތްވާ އަންހެން މެމްބަރަކު އަވަހާރަކޮށްލަން މަސައްކަތްކޮށްފި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެގައުމުގެ ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ފައުޒިއާ ކޫފީއަށް ހުކުރު ދުވަހު ހަމަލާ ދިނީ ވެެރިރަށް ކާބުލްއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ގަރަބާގް ޑިސްޓުރިކްޓުގަ އެވެ. އަދީ ކޫފީ އާއި އޭނާގެ އާއިލާގެ މެމްބަރަކު ބާޒާރެއްގައި ތިއްބާ ބަޔަކު އެ ހަމަލާ ދިނީ ބަޑިންނެވެ.

އަފްގާން ސަރުކާރު ތަމްސީލުކޮށްދޭ 21 މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނަވާ މުހައްމަދު މަސްއޫމް ސްޓަނެކްޒައި ވިދާޅުވި ގޮތުގައި ކޫފީ ވަނީ އެ ހަމަލާއިން ސަލާމަތްވެފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅެވެ.

މީގެ އިތުރުން، ފޭސްބުކް މެދުވެރިކޮށް ކޫފީވެސް ވަނީ އެ ހަމަލާގައި އޭނާގެ އަތަށް އަނިޔާވި ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

އަފްގާން ފުލުހުން މިހާރު ވަނީ އެ ހަމަލާ ތަހުގީގު ކުރަން ފަށާފަ އެވެ. ނަމަވެސް އެ ހަމަލާއާ ބެހޭ އިތުރު މައުލޫމާތެއް އިންޓީރިއާ މިނިސްޓްރީން ނުދެ އެވެ. އަދި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

ކޫފީ އަކީ ތާލިބާނަށް ފާޑު ކިޔާފައިވާ އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ.

ތާލިބާނުން ވަނީ އެއީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުގެ 19 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އެގައުމުގެ ސަރުކާރާ ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް މީގެ ކުރިން ތާލިބާނުން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެޖަމާއަތުން އެމެރިކާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ވަނީ ވަކި ޝަރުތުތަކަކާ އެކު ސަރުކާރާ ވާހަކަ ދައްކަން ފަށާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އަފްގާން ޖަލުތަކުގައި ތިބި 5،000 ތާލިބާން މެމްބަރުން މިނިވަން ކުރުމަށް އެ ޖަމާއަތުން ވަނީ އަންގާފަ އެވެ.

އަފްގާން ސަރުކާރުން ވަނީ އެކަމަށް އެއްބަސްވެ، އެ 5،000 ގައިދީންގެ ތެރެއިން އެންމެ ފަހަށް ތިބި 400 ގައިދީން ދޫކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށާފަ އެވެ.

އެމެރިކާއިން ތާލިބާނާ އެކު ހެދި އެއްބަސްވުމުގައި އެގައުމުން ވަނީ އަފްގާނިސްތާނުގައި ތިބި އެގައުމުގެ ސިފައިން އަނބުރާ އެމެރިކާއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

އދ.އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަފްގާން ހަނގުރާމައިގައި މިހާތަނަށް 32،000އަށް ވުރެ ގިނަ އާއްމު ރައްޔިތުން ވަނީ މަރުވެފަ އެވެ. އަދި އެ ހަނގުރާމައިގައި 2014އިގެ ފަހުން ސަލާމަތީ ފައުޖުތަކަށް ނިސްބަތްވާ 45،000 މެމްބަރުންވެސް މަރުވެފައިވާ ކަމަށް އަފްގާން ސަރުކާރުން މިދިޔަ އަހަރު ހާމަ ކުރި އެވެ.

comment ކޮމެންޓް