ކާބޯތަކެތީގެ ޔަގީންކަމަށް ހުޅުމާލޭގައި އާބަން ދަނޑުވެރިކަން ފަށަނީ

ޓޫރިޒަމަށް މާ ބޮޑު އުންމީދެއް އަދި ނެތް އިރު، މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަމަށް އޮތް ދެ ސިނާއަތެވެ. އެއީ، އެކު ދަނޑުވެރިކަމަށް މީހުން ހުންނަ ފޯރި މިއިން ދުވަހަކު ނުހުންނަ ވަރަށް ވަނީ އިތުރުވެފަ އެވެ. ބައެއް ރަށްތަކުން ވަނީ އެ ރަށްތަކަށް ހާއްސަ އުފެއްދުންތައް ނެރެ، އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފަ އެވެ. އެގޮތުން ކަނޑޫދޫއަށް ހާއްސަ މިރުހާއި ފުވައްމުލަކަށް ހާއްސަ އަލަ މިއީ ދިވެހި ބާޒާރުގެ އެންމެ މަގުބޫލު އުފެއްދުންތަކެވެ.

ނަމަވެސް ދަނޑުވެރިކަން ކުރުމަކީ ހާއްސަ ޖާގައެއް އެކަމަށް ބޭނުންވާ ކަމެކެވެ. އެކަށީގެންވާ ބިން ލިބެން ޖެހެ އެވެ. ބިން ބޮޑު ނޫން ސަރަހައްދުތަކަށް އޮތް ހައްލަކީ، ހާއްސަ ބާވަތެއްގެ ދަނޑުވެރިކަމަކަށްދިއުމެވެ، އެއީ، އާބަން ދަނޑުވެރިކަމެވެ. މިއީ ކާން ބޭނުންވާ ތަކެތި އުފެއްދުމަށް އިނޮވޭޓިވް ގޮތްތަކެއް ހޯދައި ކުދި ތަންތަންކޮޅުގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެއް ރޭވުމެވެ.

މާލެ އާއި ހުޅުމާލެ ފަދަ އާބާދީގެ ގޮތުން ތޮށްޖެހިފައިވާ ތަންތަނުގައި ދަނޑުވެރިކަން ކުރުން ނުވަތަ ގަސް އިންދާ ހެދުމަށް އެންމެ އެކަށީގެންވާ ގޮތަކީ އާބަން ދަނޑުވެރިކަން ނުވަތަ އާބަން ފާމިން އެވެ.

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދަނީ ކޮމިއުނިޓީ ގާޑެނިން ޕްރޮގްރާމްތަކެއް އިއުލާނުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލޭއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވަމުންދާ ތަނަކަށް ވުމުން އެތަނުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށް ވެސް އެފަދަ ޕްރޮގްރާމެއް މުހިންމުވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކޮމިއުނިޓީ ގާޑެނިން ޕްރޮގްރާމަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް އެޗްޑީސީއިން ބުނެ އެވެ. އެގޮތުން މިހާރު އެ ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރަނީ ކެއުމަށް ބޭނުންވާ ތަކެތި އުފައްދާ މުޖުތަމައުގައި ނާޒުކު ދަނޑިވަޅުގައި ތިބި ފަރާތްތައް ބާރުވެރިކުރުމަށް ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

އެޗްޑީސީއިން ބުނެފައިވަނީ އެ ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ ބައިވަރު ސްޓްރެޓެޖީތަކާވެސް ގުޅިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމުގެ ސެކްޓާ އަދި ނޫ އިގްތިސޯދާ އެ ޕްރޮގްރާމް ގުޅޭ ކަމަށް އެޗްޑީސީއިން ފާހަގަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމުން ތައުލީމީ ސެކްޓަރުގެ ޓިވެޓް އާއި ތަމްރީނުކުރުމުގެ އިތުރު ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

އެ ޕްރޮގްރާމް އެންމެ ފުރަތަމަ ރާވާފައިވަނީ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެހެން ނަމަވެސް ހުޅުމާލޭގެ އާންމުންގެ ފަރާތުން އެ ޕްރޮގްރާމަށް އޮތް ޝައުގުވެރިކަން އިތުރުވުމުގެ ސަބަބުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިން ވަނީ އެއްވަރަކަށް ބެހުމަށްފަހު އާބަން ދަނޑުވެރިކަމަށް ހާއްސަކޮށްފައި ކަމަށް އެޗްޑީސީއިން ބުންޏެވެ.

ކެޕްޝަން..

އެޗްޑީސީއިން ބުނީ އެއްވަރަކަށް ބިން ބެހުމަށްފަހު އާންމުނަށް ދިނުމަށް ނިންމާފައިވާއިރު އެ ސަރަހައްދުގައި އެ ފަރާތްތަކަށް ތާޒާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތު ހެއްދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޖުމްލަ 600 ސްކުއެއާ ފޫޓުގެ އިތުރުން އެ ސަރަހައްދުގައި ޓޫލް ޝެޑަކާއި މިނީ ސްޓޯރޭޖް ތަނެއްގެ އިތުރުން އިންކިއުބޭޓާ ޝެޑަކާއި ޕަބްލިކް ފާހާނަ އަދި ފާޓިލައިޒާ ފިހާރައެއްވެސް ހުންނާނެއެވެ.

އެޗްޑީސީއިން ބުނީ 48 ދަނޑުވެރިން އެ ޕްރޮގްރާމަށް ހަމަޖައްސާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމަށް ހުށަހަޅާ ފަރާތްތަކުންގެ 40 ޕަސެންޓް ހަމަޖައްސާފައި ބަހައްޓާނީ އަންހެނުންނަށާއި 30 ޕަސެންޓު ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ބާކީ 30 ޕަސެންޓްއަކީ އާންމުންނަށް ކަމަށްވެސް ބުނެފައިވެ އެވެ.

އާބަން ދަނޑުވެރިކަމަށް ބޭނުންވާ ބިމުގައި ކުރަން ޖެހޭ ކޮންސްޓްރަކްޝަންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން އެ ޕްރޮޖެކްޓް ފަށާފައިވަނީ މިދިޔަ މަހުގެ 13ގަ އެވެ. އެޗްޑީސީއިން ބުނެފައިވަނީ އެ މަސައްކަތް ނިންމުމަށް ހަ މަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެއަށްފަހު ދަނޑުވެރިކަމަށް ބޭނުންވާ ޖާގަތައް ދޫކުރަން ފަށާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ. އެ ޕްރޮގްރާމާ ގުޅޭގޮތުން ހޭލުންތެރިކުމަށް ބާއްވާ ހާއްސަ ހަރަކާތްތައް ކުރިއަށް އޮތް ހަފްތާތަކުގައި ފަށާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތުވެސް އަވަހަށް ހުޅުވާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.

comment ކޮމެންޓް