އެސްޓީއޯގެ އޭޖީއެމް މިމަހުގެ 30 ގައި

މެއި 30، 2018: އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ގައި ބައްވަން ނިންމައި، އަހަރީ އާންމު ޖަލްސާގެ ނޯޓިސް ފޮނުވައިފިއެވެ.

އެެސްޓީއޯ އިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ 30 އޮގަސްޓު ވަނަ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޯސޮފްޓް ޓީމް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓްގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވާލައިފައެވެ.

އަހަރީ އާންމު ޖަލްސާގައި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވަނީ އެޖެންޑާކުރެވިފައެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމަށް ވޯޓަށް އަހާނެއެވެ.

އަދި 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓަރހައުސް ކޫޕަރސް އައްޔަންކުރުމަށްވެސް ވޯޓަށް އަހާނެއެވެ.

ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ދެ ފަރާތާ އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިހާބުކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ކަމަށާއި މި ސިސްޓަމް ވަނީ ކޭޕީއެމްޖީއިން ވެލިޑޭޓް ކޮށްފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ،

އެސްޓީއޯއިން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ ހާލަތަށް ބަލާއިރު، ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުން ދޭން ބޭނުންވާ ހިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރައްވަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހަޅަންވާނެ ކަމަށެވެ.

އެގޮތުން ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީ ކުރެއްވުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށާއި އެކި ސަބަބުތަކާއެކު ޖަލްސާގައި ބައިވެރިނުވާ، އެހެންނަމަވެސް ކުންފުނީގެ ކަމަކާމެދު ހިޔާލެއް ނުވަތަ ސުވާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުން، [email protected] އީމެއިލް އެޑްރެސްއަށް ސުވާލުތައް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ހިއްސާދާރުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމަށް އެސްޓީއޯ އިން އެދެއެވެ. ސުވާލު ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 04:00 ކަމަށާއި މިގޮތަށް ހުށަހަޅާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަލްސާގައި ޖަވާބުދެއްވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިދިޔަ އަހަރަކީ އެސްޓީއޯއަށް މާލީގޮތުން ކާމިޔާބު އަހަރެއް ކަމަށާއި އެގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިންގުމުގެ ފައިދާ 80 އިންސައްތަ އިތުރުވެފައި ވާއިރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މުޅި އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

comment ކޮމެންޓް