ސަޅަކްގެ ލަވަ "ތުމް ސޭ ހީ" ދައްލާލައިފި

ލަވައިގެ މަންޒަރެއްގައި އާލިއާ އާއި އަދިތްޔާ--

މި މަހު 28 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ސަޅަކް 2"ގެ ލަވަ އެއްކަމަށްވާ "ތުމް ސޭ ހީ"ގެ ރަސްމީ ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

ހުނަރުވެރި އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ސަންޖޭ ދަތު ވެސް ފެނިގެންދާނެ އެވެ. އަންކިތު ތިވާރީ އާއި ލީނާ ބޯސްގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައަކީ ޝައްބީރު އަހްމަދު ލިރިކްސް ލިޔުނު ލަވައެކެވެ. ލޯބީގެ މަންޒަރުތަކެއް ފެނިގެންދާ މި ލަވަ އާ ގުޅޭ ގޮތުން އަންކިތު ބުނީ މި ލަވައަކީ އޭނާގެ ހިތާ ވަރަށް ގާތުގައިވާ ލަވައެއްކަމަށާއި މި ލަވައަށް ބުރަ މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި މި ލަވަ އަކީ އޭނާގެ ދަރިފުޅު އާރްޔާ ގާތުން އިންސްޕަޔާވެގެން ކީ ލަވައެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާ އިރު މި ޓްރެއިލާއަށް އާންމުންގެ ތަރުހީބު ލިބިފައެއް ނުވެ އެވެ. ސަޅަކްގެ ޓްރެއިލާއަށް ވަނީ 10 މިލިއަން "ޑިސްލައިކް" ލިބިފަ އެވެ. އެއާ އެކު ސަޅަކްގެ ޓްރެއިލާ ވެފައިވަނީ ދުނިޔެ އިން ވެސް އެންމެ ގިނަ ޑިސްލައިކް ލިބުނު ޔޫޓިއުބް ޓްރެއިލާއަށެވެ. މި ފިލްމު ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ގޮވާލާ މައިގަނޑު ސަބަބަކީ ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއް ވާކަމަށް ބުނެ އެވެ.

comment ކޮމެންޓް