އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހާއަށް، މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ

ރ. އަލިފުށި -- ފޮޓޯ: އަލިފުށި އޮންލައިން

ކުރީގެ އަނބިމީހާގެ އަނގަޔަށް ކެމިކަލް އެޅި މީހާއަށް، މީހަކު މަރަން އުޅުނުކަމުގެ ދައުވާ ކޮށްފިއެވެ.

ރ. އަލިފުށި، ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް އެ މައްސަލައިލައިގައި ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ އުފުލީ އުފުލީ މެޖިސްޓްރޭޓް ކޯޓަށެވެ.

ޕިޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ، މިދިޔަ މަހު އެއް ވަނަ ދުވަހު އޭނާގެ ކުރީގެ އަންހެނުންނަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެންމީހާގެ އަނގަޔަށް ބާރުގަދަ ކެމިކަލްއެއް އަޅައި، އެ އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލާގައި ކަމަށް ޕީޖީ އިން ބުންޏެވެ.

އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތަކަކީ، މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

އަލިފުށިން މީގެ ކުރިން "ސަން"އަށް ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އަންގެން މީހާގެ ކުރީގެ ފިރިމީހާ އޭނާގެ އަނގަޔަށް ލައްފިލުވާ އެޅީ، އޭނާ ނަމާދަށް ހުއްޓާ މޫނު ނިވާކޮށްގެން، އަތަށް އަންގި އަރުވައިގެން ގޮސް ކަމަށެވެ. އަދި އެ މީހުން ވަރިވެފައި ތިބޭތާ 10 މަސް ދުވަސްވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އާސާސީ މިންގަޑުން ބަލައި 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ އާސީސީ މިންގަނޑުން ބަލައި، އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ މިންގަނޑުން ބަލައި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

https://sun.mv/139420

comment ކޮމެންޓް