މައްސަލަ ޖެހުނު ފަހުން ނޭޕާލާއި އިންޑިއާގެ ވެރިން ފުރަތަމަ ފަހަރަަށް ވާހަކަ ދައްކަވައިފި

ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރުމާ އޮލީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--

ބިމުގެ މިކްކުވެރިކަމާމެދު މައްސަލަ ޖެހުނު ފަހުން ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރުމާ އޮލީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަަށް ވާހަކަ ދައްކަވައިފި އެވެ.

އޮލީ ވަނީ އިންޑިއާއިން އިއްޔެ ފާހަގަކުރި މިނިވަންދުވަހާ ގުޅިގެން މޯދީއަށް ގުޅުއްވައި ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ދާދި ފަހުން އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރަކަށް އިންޑިއާވުމުން އެކަމަށްވެސް އޯލީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މޯދީ ވަނީ ދެ ގައުމަކީ ތާރީހީ އަދި ސަގާފީގޮތުން ވެސް ވަރަށް އެއްގޮތްކަންތައްތަކެއް ހުރި ދެގައުމުކަން ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުންވެސް ވާހަކަތައް ދެއްކެވި އެވެ.

ނޭޕާލާއި އިންޑިއާއާ ދެމެދު ބިމުގެ މިލްކުވެރިކަމުގެ މައްސަލަ ޖެހުނީ މިއަހަރު ކުރީކޮޅު އެވެ. އެގޮތުން ނޭޕާލްއިން ވަނީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް، ނޭޕާލްގެ ބައެއް ކަމުގައި ބުނެ އާ ޗާޓެއް ނެރެފަ އެވެ. ނަމަވެސް އިންޑިއާއިން ވަނީ އެ ޗާޓް ބަލައިނުގެންފަ އެވެ. އަދި އެއީ، ތާރީހީ ގޮތުންބެލި ނަމަވެސް އެއްވެސް ހަގީގަތެއް ނެތް ޗާޓެއް ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

މިދިޔަ މޭ މަހު އިންޑިއާއިން ވަނީ އެގައުމުގެ އުއްތަރަކަންދުން ޗައިނާގެ ޓިބެޓް ސަރަހައްދާ ހިސާބަށް 80 ކިލޯ މީޓަރުގެ މަގެއް ހަދައިފަ އެވެ. އެ މަގުގެ ބައެއް ހަދާފައި ވަނީ ނޭޕާލްގެ ސަރަހައްދެއްގެ ތެރޭގައި ކަމަށް ބުނެ ނޭޕާލްއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. -- ރޮއިޓާސް

comment ކޮމެންޓް