ހުޅުމާލެ އާއި ސިނަމާލޭ ބްރިޖާ ދެމެދު އޮންނަ ހައިވޭގެ ސަރަހައްދުތަކަށް މިއަދު އުދަ އެރުމުގެ ސަބަބުން އެތަނަށް ގަލާއި ވެލި އެޅި ހަޑިވެފައިވުމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޓީމުން އެ ސަރަހައްދު ސާފުކުރަން ފަށައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހައިވޭ ސަރަހައްދަށް އުދައިގެ އަސަރުކޮށްފައިވާއިރު ދިޔަވަރު ކުޑަވުމުން އުދައެރުން ވަނީ ހުއްޓިފައެވެ.
އުދައާއެކު ހައިވޭ މައްޗަށް ވެލީގެ އިތުރުން ގިނަ އަދަދަކަށް އަކިރި ފަދަ ކުދި ގާތައް ވަނީ އެޅިފައެވެ.
އަކިރިއާއި ފަސް އަރާފައިވަނީ ހުޅުމާލެއިން މާލެއަށް ދާ ފަޅީގެ މަގަށެވެ.
ހުޅުމާލޭގެ އިތުރުން މާލެއަށްވެސް ވަނީ މިއަދު އުދަ އަރާފައެވެ. އާޓިފިޝަލް ބީޗާއި ބްރިޖު ވިއު ސަރަހައްދުން މާލެއަށް އުދަ އަރާފައިވާއިރު ލޮނުގެ އަސަރު މަޖީދީ މަގުގެ ވަކި ހިސާބަކަށްވެސް ފޯރާފައިވެއެވެ.
އާޓިފިޝަލް ބީޗާއި ބްރިޖު ވިއު ސަރަހައްދުގެ ބޮޑު ތަކުރުފާނު މަގަށް އުދަ އަރައި އެ ސަރަހައްދަށްވެސް ވަނީ އަކިރިއާއި ވެލި އަރާފައެވެ. އަދި މިހާރު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.