އިނގިރޭސި ކަރަންޓީނު ލިސްޓަށް ފްރާންސް ލައިފި

އިނގިރޭސިވިލާތުގެ ކަރަންޓީނު ލިސްޓަށް ފްރާންސް އިތުރު ކުރަން ނިންމައިފި އެވެ.

އިނގިރޭސިވލާތުން ވަނީ އެގައުމަށް އެތެރެވާ މީހުންގެ ތެރެއިން ވަކި ގައުމުތަކަކުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެ ގޮތަށް ލިސްޓެއް ނެރެފަ އެވެ.

އެ ލިސްޓުގައި ހިމެނޭ ބައެއް ގައުމުތަކުގައި ކޮވިޑް-19 ފެރުތޭ މިންވަރަށް ބަލައި ލިސްޓުން ގައުމުތައް ދަނީ އުނިކުރަމުންނެވެ. އަދި ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލު ކުރާ ނިސްބަތަށް ބަލައި ކަރަންޓީނު ވާން ނުޖެހޭ ލިސްޓަށް ގައުމުތައް ދަނީ އިތުރު ކުރަމުންނެވެ.

މާދަމާ އިން ފެށިގެން ފްރާންސް އާއި ނެދަލޭންޑްސް އިން އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ.

މި ނިންމުމާއެކު މިވަގުތު ފްރަންސްގައި ތިބި އިނގިރޭސިވިލާތުގެ އެތައްހާސް ޓޫރިސްޓުންނެއް އެއާޕޯޓުތަކުގައި ތޮއްޖެހި އެނބުރި ގައުމަށް ދާން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުއްލިއަކަށް ގައުމަށް ދާން ބޭނުންވެގެން އުޅޭ މީހުންނަށް ފްލައިޓުތަކުން ޖާގަ ނުލިބިދާނެ ކަމަށް އެއާލައިންތަކުން ވަނީ ބުނެފަ އެވެ. މިހާރުވެސް އެތައް ހާސް ބަޔަކު މާދަމާގެ ކުރިން އިނގިރޭސިވިލާތަށް ދާން ދަނީ ބުކިންގްސް ހައްދަމުންނެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިން ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޒިޔާރަތްކުރަނީ ސްޕެއިން އަށާއި ފްރާންސް އަށެވެ.

ކަރަންޓީނު ލިސްޓަށް ސްޕެއިން އިތުރު ކުރީ މިދިޔަ މަހުގެ 25 ގައެވެ. ކަރަންޓީނު ލިސްޓަށް ފްރާންސް އިތުރު ކުރީ އެގައުމުގައި ކޮވިޑް19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފެށުމުންނެވެ.

އިނގިރޭސިވިލާތުން ދަނީ ކޮވިޑް19 ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އަދި އެގައުމުގެ އިގްތިސޯދު ހަމައަށް އެޅުވުމަށްވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ.

comment ކޮމެންޓް