ތިލަފުށީގެ ވިހައިން ސަލާމަތްވާން އޭޑީބީން 73 މިލިއަން ޑޮލަރު ދީފި

ތިލަފުށި ކުނިގޮނޑު --

ރާއްޖޭގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ހިމެނޭ ވޭސްޓް ޓްރީޓްމަންޓް ފެސިލިޓީއެއް އަޅަން 73 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގެ ޕެކޭޖެއް ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)އިން ނިންމައިފި އެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ވަށައިގެންވާ 32 ރަށުން އުފައްދާ ކުނި މެނޭޖުކުރަން ހަދަނީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖުކުރެވޭ ވަރުގެ ޑަބްލިއުޓީއީ ޕްލާންޓެކެވެ.

ގްރޭޓާ މާލެ އަދި ވަށައިގެންވާ 32 ރަށާއި ރިސޯޓުތަކުން އެވަރޭޖުކޮށް ދުވާލަކު 830 ޓަނަށް ވުރެ ގިނަ ކުނި އުފައްދާއިރު، އެތަކެތި ނައްތާލަނީ ތިލަފުށީގައި އޮންނަ 10 ހެކްޓަރުގެ ބިމެއްގަ އެވެ.

އޭޑީބީން ބުނީ ތިލަފުށީގެ ސައިޓު ތައްޔާރުކޮށްފައިވަނީ ޕޮލިއުޝަން ކޮންޓްރޯލު ކުރެވޭފަދަ ގޮތަކަށް ނޫން ކަމަށާއި އެ ސައިޓުން ތިމާވެއްޓާއި އާންމު ސިއްހަތުގެ އިތުރުން ޓޫރިޒަމް އަދި ފިޝަރީޒް ދާއިރާއަށް ވެސް ނޭދެވޭ އަސަރުތަކެއް ފޯރާ ކަމަށެވެ.

އެއާ ޕޮލިއުޝަން ކޮންޓްރޯލުކުރާ ސިސްޓަމެއް ވެސް ހިމެނޭ އެ ޑަބްލިއުޓީއީ ޕްލާންޓަކީ ރާއްޖެ ފަދަ ބިމުގެ ޖާގަ ކުޑަ ގައުމުތަކަށް ހާއްސަ ސިސްޓަމެކެވެ. އެގޮތުން މި ޕްލާންޓުން ކުނި މެނޭޖުކުރަން މިހާރު ބޭނުންކުރާ ފަދަ ބޮޑު ޖާގައެއްގެ ބިމެއް ބޭނުން ނުވާއިރު، އިޔާދަކުރަނިވި ހަކަތަ ވެސް އުފައްދައިދެ އެވެ.

އޭޑީބީން ބުނީ އޭޑީބީން މި މަޝްރޫއަށް ދިން 73.3 މިލިއަން ޑޮލަރުގެ ޕެޖޭޖުގައި ލޯނުން ދޭ ބަޔަކާއި ހިލޭ އެހީގެ ގޮތުގައި ދޭ ބައެއް ވެސް ހިމެނެ އެވެ.

މުޅި މަޝްރޫއަށް 151.1 މިލިއަން ޑޮލަރު ހޭދަވާއިރު، ދިވެހި ސަރުކާރުން ހަރަދުކުރާނީ 27.7 މިލިއަން ޑޮލަރެވެ. އަދި މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން ދޭ 40 މިލިއަން ޑޮލަރުގެ ލޯނަކާއި ޖަޕާން ފަންޑް ފޮ ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމްއިން ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

comment ކޮމެންޓް