ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލް ފުރަތަމަ ފަހަރަށް ގެއެއްގައި ހަރުކޮށްފި

ސްޓެލްކޯގެ ޓީމަކުން މާލޭ ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަނީ-- ފޮޓޯ/ސްޓެލްކޯ

"ގްރީންލައިފް އިނީޝިއޭޓިވް"ގެ ދަށުން ސްޓެލްކޯއިން ވިއްކަން ފެށި ސޯލާ ޕެނަލްތައް ފުރަތަމަ ފަހަރަށް އިންސްޓޯލްކޮށްފި އެވެ.

ސްޓެލްކޯގެ ސީނިއާ މެނޭޖާ، ރިނިވަބަލް އެނާޖީ އަހްމަދު އިބްރާހިމް "ސަން"އަށް ވިދާޅުވީ ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތުގައި ގޭގެ ޑިޒައިނަށް ބަދަލު ނުގެނެސް، ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވޭ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ސޯލާ ޕެނަލްތައް ގޭގެ ޑިޒައިނަށް އެހާބޮޑު އިމްޕެކްޓެއް ނުގެނެސް ހަރުކުރެވޭނެ. ފުރާޅުގައި ހަރުކުރާ ސޯލާ ޕެނަލްގެ ދަށުގައި އިންވާޓަރެއް ހުންނާނީ. އެތަނުން ސާކިޓް ބްރޭކަރަށް ނަރެއް އަންނާނީ. ގާތްގަނޑަކަށް ހައެއްކަ ގަޑިއިރުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭ." އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްތަކަށް 25 އަހަރުގެ ލައިފްޓައިމްއަކާއި ހަތް އަހަރުގެ ވޮރެންޓީއެއް ލިބޭނެ ކަމަށެވެ.

ސޯލާ ޕެނަލްތައް މަހުން މަހަށް ފައިސާ ދައްކައިގެން ގަނެވޭ ތިން ޕެކޭޖެއް ވެސް ސްޓެލްކޯއިން ވަނީ އެކުލަވާލާފަ އެވެ. ތިން އަހަރަށް، ފަސް އަހަރަށް އަދި ހަތް އަހަރަށް ޕޭމަންޓު ބަހާލެވޭ މި ޕެކޭޖުތަކުގެ ޑައުންޕޭމަންޓަކީ 5،000 ރުފިޔާ އެވެ.

ތިން އަހަރަށް ބަހާލާ ޕެކޭޖުގެ މަހު ފީއަކީ 881.94 ރުފިޔާ އެވެ. ފަސް އަހަރަށް ބަހާލާ ޕެކޭޖަށް މަހަކު 604.17 ރުފިޔާ ދައްކަން ޖެހޭއިރު، ހަތް އަހަރަށް ބަހާލާ ޕެކޭޖަށް މަހަކު ދައްކަން ޖެހޭނީ 458.12 ރުފިޔާ އެވެ.

މީގެ ތެރެއިން ކޮންމެ ޕެކޭޖެއްގައި ވެސް ޖުމުލަ 1.2 ކިލޯވޮޓްޕީކުގެ ހަތަރު ސޯލާ ޕެނަލް ހިމެނެ އެވެ.

ސްޓެލްކޯއިން ލަފާކުރާ ގޮތުގައި މި ތިން ޕެކޭޖުން ވެސް އެވަރޭޖްކޮށް މަހަކު 600 ޔުނިޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ކަރަންޓު ބިލުން މަހަކު 637 ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.

ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްތަކާއި ޕެކޭޖުތަކުގެ މައުލޫމާތު އަދި މިކަމާ ގުޅޭ ސުވާލުތަކުގެ ޖަވާބު ސްޓެލްކޯގެ ވެބްސައިޓުން ލިބޭނެ އެވެ.

comment ކޮމެންޓް