ފައިސާ ހޯދަން މީރާއަށް ދިޔައީ ޔާމީންގެ އާއިލާއަށް ގެއްލުން ދޭން: ވަކީލުން

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ ދައުލަތަށް ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އަށް ފޮނުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ގެއްލުންދިނުމުގެ ނިޔަތުގައި ކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރުމަށެވެ.

ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފަސް މިލިއަން ޑޮލަރު މީރާއަށް ދައްކާ ހަލާސް ކުރުމަށް ހުކުމް ކުރި ނަމަވެސް، ހަ މަސް ފާއިތުވެގެން ދިޔައިރު ވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ.

ފައިސާ ދެއްކުމަށް ދިން ހަ މަސްދުވަހުގެ މުއްދަތު ހަމަވެފައިވަނީ، މޭ މަހުގެ 28 ވަނަ ދުވަހަށެވެ. މުއްދަތު ހަމަވެ ދެ މަސް ފަހުން ސަރުކާރުން އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، އަބްދުﷲ ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުގެ ބަޔާނާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންފެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު، އެގޮތުގެ މަތިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހުކުމް، ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ހައިކޯޓުން ފައިސަލާކުރައްވައި ހުކުމެއް ނެރޭއިރު، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އަދި އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިދީފައި އޮތުމުގެ ބޭނުމަކީ ވެސް ދަށު ކޯޓުން ނިންމި ނިންމުމެއް އަލުން ބަލައި އެ ނިންމުމެއް ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދިނުން ކަމަށްވާއިރު، އެ ފުރުސަތު ގާނޫނުއަސާސީން ލިބިދީފައި ވަނިކޮށް އިސްތިއުނާފު މަރުހަލާގައި ދަށު ކޯޓުގެ ނިންމުން ތަންފީޒުވެގެން ދިއުމަކީ ގާނޫނުއަސާސީން އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާ ހައްގަށް އުނިކަން ލިބުން ކަމަށެވެ.

އަދި ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިއްބައިދޭ އިސްތިއުނާފުކުރުމުގެ ހައްގުން އެމަނިކުފާނު ގަސްތުގައި މަހްރޫމްކުރުމުގެ ނިޔަތުގައި ދައުލަތުން އަމަލުކުރަމުން އަންނަ ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނީ ޓީމުން ބުނީ ގާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަން ގާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައި ވާއިރު، ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މީހާގެ މައްޗަށް އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޝަރީއަތުން ޖޫރިމަނާއެއް ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި މީގެ އެތައް ޒަމާނެއް ކުރިން ވެސް އިސްތިގުރާރުވެފައިވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އެފަރާތެއްގެ މައްޗަށް ޝަރީއަތުން ކަނޑައެޅިފައިވާ ހުކުމުގެ އިސްތިއުނާފީ އެންމެހައި މަރުހަލާތަކެއް ނިމި، ނުވަތަ އެނޫން ވެސް ގޮތަކުން ނަމަވެސް އެ ހުކުމެއް ނިހާއީ ހުކުމަކަށް ބަދަލުވުމުގެ ކުރިން އެފަރާތަކުން އެ ފައިސާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދައުލަތުން މިހާތަނަށް ވެސް އަމަލުކުރަމުން އައިސްފައިވާ ގޮތް ނޫން ކަމަށެވެ.

"އާންމު އުސޫލުން އަމަލުކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް އަދި ގާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްގާ ހިލާފަށް އަދި އަދުލު އިންސާފުގެ ހަމަތަކާވެސް ހިލާފަށް ރައީސް ޔާމީނާމެދު ވަކި ހާއްސަ އިޖުރާއަތެއްގެ ދަށުން ތަފާތުކުރެވިގެން އަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ސީދާ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ގާނޫނާ ހިލާފު އަދި ލާއިންސާނީ އަމަލެއް ކަމަށާއި، ގާނޫނީ ނިޒާމުގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ޒާތީވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ލިބިގެން ނުވާއިރު، ދައުލަތުގެ ބަންޑާރަނައިބުގެ މި އަމަލަކީ، ގާނޫނީގޮތުން އެއްވެސް ބުރަދަނެއް ނެތް، ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކުރާ، ވަރަށް ފިނޑި އަމަލެއް ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައި ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު، އެއާ ހިލާފަށް އަދި، ޖިނާއީ މައްސަލަތަކުގައި ބަންޑާރަނައިބުގެ ދައުރު އޮންނަ މިންވަރާމެދު ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ބޭރުން، ބަންޑާރަނައިބު އަމަލުކުރައްވަމުން ގެންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އަދި އެއީ ގާނޫނުއަސާސީއާއި ގާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް