ރ. މީދޫގައި ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ރ. މީދޫ -- ފޮޓޯ: އެމްއާރްޑީސީ

ރ. މީދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެ އެވެ.

މަރުވި މީހާގެ އުމުރަކީ 72 އަހަރެވެ. އޭނާ އަކީ ކެންސަރު ބަލީގެ ފަރުވާއަށް ދާދި ފަހުން އިންޑީއާއަށްވެސް ދިޔަ މީހެކެވެ. އޭނާ އެރަށުގައި ކަރަންޓީނުކޮށްފައި ހުރީ މީދޫ ސިއްހީ މަރުކަޒުގަ އެވެ.

މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފު މިއަދު "ސަން"އަށް ވިދާޅުވީ، މަރުވި މީހާ ކެންސަރު ބައްޔަށް ބޭސް ކުރުމަށްޓަކައި އިންޑިއާއަށް ދިޔުމަށްފަހު ރަށަށް އެނބުރި އައީ މިމަހު އަށްވަނަ ދުވަހު ކަމަށެވެ. އަދި އެދުވަހުން ފެށިގެން ބަލީގެ ހާލަތު ގޯސްވުމުން އޭނާއަށް ފަރުވާ ދެމުން ދިޔައީ ސިއްހީ މަރުކަޒުގައި ކަރަންޓީންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ނޭނގެ މަރުވި ސީދާ ސަބަބެއް. [ޑޮކްޓަރުންނަށް] ބޮޑަށް ބެލެވެނީ ކެންސަރު ބަލީގައި ކަމަށް. އިންޑިއާއިންވެސް އެނބުރި އައީވެސް އިތުރު ފަރުވާއެއް ދެވެން ނެތުމުން،" ހުސައިން އަފީފު ވިދާޅުވިއެވެ.

ހުސައިން އަފީފު ވިދާޅުވީ، އިންޑިއާއިން އޭނާ އައިސް މިމަހު އަށްވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް އެ ސާމްޕަލް ކޮވިޑަށް ނެގަޓިވްވިކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި އިތުރު ސާމްޕަލްއެއް ނަގާފައި ވަނީ. ސާމްޕަލް ވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ފޮނުވާފައި. އަދި ނަތީޖާ ނުލިބޭ،" އަފީފު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 5،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު، ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގެ އެންމެ ނުރައްކާތެރި ބަޔަކީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ދިފާއީ ނިޒާމް ބަލި ކަށި މީހުންނެވެ.

comment ކޮމެންޓް