މެސީގެ ދީލަތި އެހީއާ އެކު އާޖެންޓީނާއަށް 50 ވެންޓިލޭޓަރު

ކޮޕާ އެމެރެކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ކޮވިޑްގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރޭގައި ހިމެނި ސިއްހީ ނިޒާމަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ އާޖެންޓީނާއަށް އެގައުމުގެ ފޯވަޑް ލިއޮނެލް މެސީ 50 ވެންޓިލޭޓަރު ހަދިޔާ ކޮށްފި އެވެ.

އަދިވެސް ހަލުވިކަމާ އެކު ގިނަ ގައުމުތަކެއްގައި ކޮވިޑް ފެތުރު ސިއްހީ ނިޒާމަށް ވަނީ ހީވެސް ނުކުރާ ފަދަ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އާޖެންޓީނާގައި ވެސް ބަލިޖެހޭ މީހުންގެ ތެރެއިން ދުވަސްވީ މީހުން އިތުރުވަމުން ދާތީ މުޅި ގައުމި ވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް އެގައުމަށް އުފަން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ވަނީ އެގައުމުގެ ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދީފަ އެވެ.

މީގެ ކުރިން ވެސް އެތައް އެތައް ބަޔަކަށް ޗެރިޓީގެ ގޮތުގައި އެހީވަމުން އައި މެސީގެ ފައުންޑޭޝަނުން މިފަހަރު އާޖެންޓީނާގެ ބޭނުން ޖެހިފައިވާ ހޮސްޕިޓަލުތަކަށް 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް 38 ވެންޓިލޭޓަރު ވަނީ އާޖެންޓީނާ އަށް ފޮނުވައިފަ އެވެ. އަދި ކުރިއަށް ހަފްތާއެއްހާ ދުވަސްތެރޭގައި ބާކީ ހުރި ވެންޓިލޭޓަރުތައް ވެސް އާޖެންޓީނާ އަށް ފޮނުވާނެ އެވެ.

ކޮވިޑްގެ ބިރުވެރިވިކަން އިންތިހާއަށް ބޮޑުވެފައިވާ އާޖެންޓީނާގައި މިހާތަނަށް 250،000 އެއްހާ މީހުންނަށް އެބަލި ޖެހިފައިވާ އިރު، އެ ބަލީގައި 4600 އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ސަބަބުން މުސާރައިގެ ބޮޑު އިންސައްތައެއް ކުލަބުން ނުނެގުމަށް މެސީ ނިންމި އިރު އޭނާ ވަނީ މިދިޔަ މޭ މަހު ވެސް އާޖެންޓީނާގެ ސިއްހަތާ ބެހޭ ފައުންޑޭޝަަނަކަށް 500،000 ޔޫރޯ ދީލަތި އެހީ ދީފަ އެވެ. އެފަހަރު މެސީ އުޅެ ބޮޑުވި ބާސެލޯނާގެ ހޮސްޕިޓަލުތަކަށް ވެސް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ އިރު އޭނާ އަކީ މި ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް ޗެރިޓީއަށް އެހީވި ކުޅިވަރު ޝަހުސިއްޔަތެވެ.

comment ކޮމެންޓް