ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަމިލާން ސެމީއަށް

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އިންޓަ މިލާނާއި ބަޔާ ލެވަކޫޒަން ބައްދަލު ކުރި މެޗުގައި ލުކާކޫ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

މިހާރު ކުރިއަށްދާ ޔޫއެފާ ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެ ސެމީގެ ފުރަތަމަ ދެ ގާޖަ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުން ހޯދައިފި އެވެ.

ކޮވިޑްގެ ސަބަބުން އައި ބޮޑު މެދުކެނޑުމަށްފަހު ޔޫރަޕުގެ ދެ މުބާރާތުގެ ކުޅުން މިހާރު ފަށައިގެން ކުރިއަށްދާ އިރު ދެ މުބާރާތުގެ ފޯމެޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މުބާރާތް އަވަހަށް ނިންމާލުމުގެ ގޮތުން މިނީ ޓޯނަމެންޓެއްގެ ގޮތުގައި އެއް ސަރަހައްދެއްގައި ހުރިހާ މެޗެއް ކުޅޭ އިރު ޔޫރޮޕާ ލީގުގެ ބާކީ މެޗުތައް ކުޅޭނީ ޖަރުމަނުގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ މެޗުތައްް ޕޯޗުގަލްގެ ލިސްބަންގައި ކުޅެވޭ އިރު ހުރިހާ މެޗެއް ވެސް ކުޅޭނީ ނޮކްއައުޓް އުސޫލަށެވެ.

އެގޮތުން ޖަރުމަނުގެ ރެއިންއެނާޖީސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޑެންމާކުގެ ޗެމްޕިއަން ކޯޕަންހޭގެން ބަލިކޮށް ޔުނައިޓެޑް ސެމީގެ ޖާގައެއް ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހީ ޕެނަލްޓީއަކުން ބުރޫނޯ ފެނާންޑޭސް އެވެ.

ޔުނައިޓެޑާއި ކޮޕާންހާގެން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ޔުނައިޓެޑް --- ފޮޓޯ//ލައިވްސްކޯ

މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލްއަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑަށް މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލިބުނު 21 ވަނަ ޕެނަލްޓީ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި އިރު އިދިކޮޅު ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު ކާލް-ޔޯހަން ޖޯންސަން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ސޭވްތަކެއް ކޮށްފަ އެވެ. ޖޯންސަން ވަނީ ޔުނައިޓެޑުން ފޮނުވާލި 13 ހަމަލާއެއް ހުއްޓުވައިފަ އެވެ.

އެ މެޗުން ޔުނައިޓަޑް މޮޅާ އެކު ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މިރޭ ވުލްވްސް އާއި ސެވިއްޔާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

އަނެއް ކޮޅުން ކުއާޓާގެ ދެވަނަ މެޗުގައި ރޭ ބަޔާ ލެވަކޫޒަން ބަލިކޮށް ސެމީގެ އަނެއް ޖާގަ ކަށަވަރު ކުރީ 1-2 ގެ ނަތީކާއަކުން ކުރި ހޯދައިގެންނެވެ. އެންމެ ފަހުން 2011 ވަނަ އަހަރު ތަށްޓެއް ލިބުނު އިންޓައިން މިފަހަރުގެ ޔޫރޮޕާ ލީގަށް އަމާޒު ޖަހާފައިވާ އިރު އެ ޓީމުން ވަނީ ނިމިގެން ދިޔަ އިޓާލިއަން ލީގުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމުން ލީގުގެ ދެވަނަ ހޯދީ ޗެމްޕިއަންކަން ހޯދި ޔުވެންޓަސްއަށް ވުރެން އެއް ޕޮއިންޓް ފަހަތުންނެވެ.

ރޭގެ މެޗުގައި އިންޓައަށް މެޗު ފަށައިގެން 15 ވަނަ މިނަޓުގައި ލީޑު ނަގައިދިނީ އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެވެ.އޭރިއާ ބޭރުން ބަރޭލާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުކޮށްލި އިރު އޭގެ ހަ މިނިޓް ފަހުން އިންޓަގެ ލީޑުފުޅާކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ މި ގޯލު ޖެހީ އެޝްލީ ޔަންގް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އިންޓަ އިން ދެ ގޯލުގެ ލީޑެއްނެގިތާ ތިން މިނިޓް ފަހުން ލެވަކޫސަންގެ ތަރި ކާއީ ހާވާޓްޒް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އެ ޓީމަށް އިތުރު ގޯލެއް މެޗުގައި ނުޖެހުމުން ޔޫރޮޕުގެ ރޭސް އެ ޓީމަށް ނިމުނީ އެވެ.

comment ކޮމެންޓް