ކޮންޓްރެކްޓްގައި ސޮއި ނުކޮށް ހުރި ޕްރޮޖެކްޓްތައް އަދި ފެށޭކަށް ނެތް: އަސްލަމް

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް: ކޮންޓްރެކްޓްގައި ސޮއި ނުކޮށް ހުރި ޕްރޮޖެކްޓްތައް އަދި ފެށެން ނެތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި ---

މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް ކޮންޓްރެކްޓްގައި ސޮއިނުކޮށް ހުރި މަސައްކަތްތައް އަދި ފެށެން ނެތް ކަމަށް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ދާއިރާތަކަށް ހާއްސަކޮށްފައިވާ ޕްރޮޖެކްޓްތައް ނުފެށި ލަސްވުމާއި ގުޅޭ ގޮތުން ގިނަ މެންބަރުންތަކެއް ވަނީ މިނިސްޓަރ އަސްލަމްއާ ސުވާލު ކުރައްވާފަ އެވެ.

"މިހާތަނަށް މިއަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނާފައި ކޮންޓްރެކްޓެއްގައި ސޮއި ނުކުރެވިވާ މަސައްކަތެއް ކަމަށްވަންޔާ މިވަގުތު އަދި ފެށޭކަށް ނެތް. ބަޖެޓުން ޖާގަލިބިގެން ނޫން ގޮތަކަށް ނޫނީ ފައިނޭންޝަލް އެރޭންޖްމެންޓެއް އެއަށް ހެދިގެން ނޫން ގޮތަކަށް ފެށޭކަށް ނެތް،" މިނިސްޓަރު އަސްލަމު ވިދާޅުވި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ދައުލަތުން ފާސްކުރި ބަޖެޓުގައި އަންދާސާކޮށްފައިވާ އަދަދަށް ފައިސާ ލިބުމަށް ދަތިވާނެތީ، ކުރިއަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ސަރުކާރުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ.

މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވީ ސަރުކާރުން، ބަޖެޓުގެ ހަރަދު ކުޑަކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރަށް ބަޖެޓުކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާހުރި މަޝްރޫއުތައް ޓެންޑާ ނުކޮށް މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް