އިންޑިއާގެ އިގްތިސޯދު ސަލާމަތް ކުރެވޭނެ ތިން ގޮތެއް އިދިކޮޅުން ކިޔައިދީފި

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންގް ވަނީ އިންޑިއާގެ އިގްތިސޯދު ސަލާމަތްކުރަން ތިން ކަމެއް ފާހަގަކުރައްވާފައި --- ފޮޓޯ : ބީބީސީ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއަށް ދިމާވެފައިވާ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމެއް ތިން ކަމެއް ކޮންމެއް ކުރަން ޖެހޭނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންގް ވިދާޅުވެއްޖެ އެވެ.

ޑރ. ސިންގް އަކީ އިންޑިއާގެ އިގްތިސޯދު ރިފޯމް ކުރުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއްގެ މަގާމުގަ އެވެ.

ޑރ. މަންމޯހަން ސިންގް ވިދާޅުވީ އިންޑިއާއިން ކޮވިޑް-19ގެ ހާލަތަށް ފަހު އެގައުމުގެ އިގްތިސޯދު އަލުން ސްޓޭބަލް ކުރަން ބޭނުންވާ ނަމަ ތިން ކަމެއް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ އާންމު ރައްޔިތުންގެ ރައްކާތެރިކަަމަށް. އެ ފަރާތްތަކަށް ޑައިރެކްޓް ކޭޝްގެ އެސިސްޓެންސް ލިބި ހޭދަކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ،" ޑރ. ސިންގް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދެވަނައަށް ކުރަން ޖެހޭނެ ކަމަކީ ސަރުކާރުން ވިޔަފާރިތަކަށް އާރޯ ކަން ގެނައުމަށް ޓަކައި ސަރުކާރުގެ ފަރާތުން ކްރެޑިޓް ގެރެންޓީ ޕްރޮގްރާމްތަކެއް ގާއިމުކުރުން ކަމަށެވެ.

އަދި ތިންވަނަ އަށް ކުރަން ޖެހޭނެ ކަމަކީ ފައިނޭންސް ސެކްޓާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

"ފައިނޭންސް ސެކްޓާ އިތުރަށް ހަރުދަނާ ކުރެވޭނީ އިންސްޓިޓިއުޝަން އިތުރަށް އޮޓޯނޮމީއެއްގެ ތެރެއަށް ގެންގޮސްގެން،" ޑރ. ސިންގް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ކުރީން ވެސް އިންޑިއާގެ އިގްތިސޯދުގެ ދުވެލި ވަނީ މަޑުޖެހިފަ އެވެ. އެގޮތުން 2019-2020ގައި އިންޑިއާގެ ޖީޑީޕީއަށް ލިބިފައި ވަނީ އެންމެ 4.2 ޕަސެންޓްގެ ކުރިއެރުމެކެވެ. އެއީ އިންޑިއާގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ފެނުނު އެންމެ ކުޑަ ކުރިއެރުމެވެ.

އިންޑިއާގެ އިގުތިސޯދު އަލުން ހުޅުވާލަމުންދާއިރު އެގައުމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ އެގައުމުގެ އިގްތިސޯދު ހުޅުވާލާާ އިރު އެގައުމުން ވައިރަސް ފެންނަ އަދަދު އިތުރުވަމުންދާތީ އެވެ.

comment ކޮމެންޓް